އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުން މި ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރުމަށް 2،994 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، އިންތިހާބުގެ ކަންކަން ވަކި ޓައިމްލައިނެއްގެ ތެރެއިން ކުރަމުން އަންނަ އިރު، ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށް، ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހު ކަމަށެވެ.
"ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުންނަށް އެ ދުވަހާ ހަމައަށް އެ ފުރުސަތު އޮންނާނެ" އޮފިޝަލް ވިދާޅުވިއެވެ.
އީސީން ވަނީ އިންތިހާބާ ގުޅޭ ޝަކުވާތައް ބަލައިގަތުމަށް ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ވަނީ ގާއިމުކޮށްފައެވެ. އެ ބިއުރޯއަށް މިހާތަނަށް ހަތަރު ޝަކުވާ ހުށަހަޅާފައިވާ އިރު، އެ ޝަކުވާތަކުގެ ޖަވާބުވެސް ކޮމިޝަނުން ވަނީ ދީފައެވެ.
އެ އިންތިހާބުގައި ކައުންސިލްތަކުގެ ޖުމުލަ 225 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް 678 މެންބަރުންނެވެ. އެހެންކަމުން މިފަހަރުގެ އިންތިހާބުގައި ޖުމުލަ 1356 މެންބަރުން އިންތިހާބު ކުރާނެއެވެ.
އީސީން ބުނީ ކައުންސިލް އިންތިހާބުގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނޭހެން ޖުމުލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.
އެ އިންތިހާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ އިތުރުން، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 240 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.
މިފަހަރުގެ އިންތިހާބުގައި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ތިން ފޮށި، ޖަލުތަކުގައި ފަސް ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފައެވެ. ކައުންސިލް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާނީ ދެ ވޯޓު ފޮއްޓެވެ. އެއީ، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބަހައްޓާ ފޮއްޓާއި، ސްރީލަންކާގެ ކޮލަމްބޯގައި ބަހައްޓާ ފޮއްޓެވެ.
އަލީ ޔާމިން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން