އިދިކޮޅު އެމްޑީޕީން ގެންގުޅެނީ އިސްލާމްދީނާ ބީރައްޓެހި ސިޔާސަތެއް ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކުރުމަށް އެ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ، މި އަހަރުގެ ރިޔާސީ ބަޔާން މަޖިލީހަށް ރައީސް އިއްވެވި އިރު، ދީނީ ވާހަކަތައް އެ މަނިކުފާނު ދެއްކެވި ވަގުތު އެމްޑީޕީން ކުރި ކަމަކީ ކަށިގަނޑު ފުމުން ކަމަށެވެ.

"މިކަމުންވެސް ހާމަވަނީ އިސްލާމްދީނާ ވެސް ވަރަށް ދުރު ބީރަށްޓެހި ސިޔާސަތެއް ގެންގުޅޭ ބައެއްކަން އެމްޑީޕީއަކީ،" ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ގައުމަށް ދެނީ ގެއްލުން ކަމަށެވެ. އެގޮތުން އެމްޑީޕީގެ ފުރަތަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވިއްކާލި ކަމަށެވެ.

"މިދިޔަ ވެރިކަން ނިމުނު އިރު ރާއްޖޭގެ ހުރިހާ ސްކޫލެއް ހުރީ މޯގޭޖުކޮށްފައި، ލޯނު ނަގާފައި. ނަގާ ލޯނު ވަންނާނީ އެ ބޭފުޅުންގެ ޖީބަށް. އެމްޑީޕީއާއި އަޅުގަނޑުމެންގެ ފިކުރާ ވަރަށް ތަފާތު،" ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، މިދިޔަ ސަރުކާރުގައި ރާއްޖޭގައި ހިންގުނު ތަރައްގީގެ މަޝްރޫއެއް ނެތް ކަމަށާއި ފެންނަން ހުރި ހަމަ އެކަނި އެއްޗަކީ ރިޔާސީ އިންތިހާބަށް ޖެހި ކަޑަތައް ކަމަށެވެ.

ކައުންސިލްތައް ފެށުނީއްސުރެ އައްޑޫގެ މެޖޯރިޓީ ނަގަނީ އެމްޑީޕީންކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، އައްޑޫ ސިޓީގެ ތަރައްގީ އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށެވެ. އެކަމުން އަރައިގަނެވޭނީ ޕީއެންސީގެ ކައުންސިލެއް ހޮވައި ސަރުކާރާއެކުގައި މަސައްކަތްކޮށްގެން ކަމަށް ވިދާޅުވިއެވެ