ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި އޮޑި ސްޕޯޓްސް ކްލަބުވެސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ލީގުގެ އައްޑަނަ އުފުލާލައިފިއެވެ.
އެންމެފަހު ދެމެޗަށް ނުކުތުމުގެ ކުރިން މާޒިޔާއިން ވަނީ ލީގު ޗެމްޕިއަންކަން ޔަގީންވެފައެވެ. މާޒިޔާ އިން ޖެހިޖެހިގެން ފަސް ވަނަ ސީޒަނުގައި ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ޓީމުން ލީގު ކާމިޔާބުކުރި ހަވަނަ ފަހަރެވެ. އެންމެ ފުރަތަމަ ލީގު ނެގީ 2016 ވަނަ އަހަރުއެވެ.
މާޒިޔާއިން މީގެ ކުރިންވެސް ވަނީ ބަލިނުވެ ދެފަހަރު ލީގު ކާމިޔާުބު ކޮށްފައެވެ. އެއީ މިއަހަރުގެ އިތުރުން 2020-21 ސީޒަނާއި 2023 ވަނަ އަހަރުގެ ލީގެވެ. މިރޭ ކުޅުނު މެޗު މާޒިޔާއިން 1-0 އިން ކާމިޔާބުކޮށް، ބަލިނުވެ ލީގު ނިންމާލި އިރު، އޮޑި ސްޕޯޓްސް ކްލަބުން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް، އެޓީމުން ނިންމާލީ ދެވަނައިގައެވެ.
މާޒިޔާއިން 48 ޕޮއިންޓާއެކު ލީގު ޗެމްޕިއަންކަން ހޯދި އިރު. އޮޑި ދެވަނައިގައި އޮތީ އަށް ވަނީ 18 މެޗުން 39 ޕޮއިންޓާ އެކުގައެވެ. ތިންވަނަ ހޯދި ނިއު ރޭޑިއަންޓަށް 37 ޕޮއިންޓް ލިބުނު އިރު، ހަތަރު ވަނައިގައި އޮތް ބުރު ސްޕޯޓްސް ކްލަބަށް ވަނީ 29 ޕޮއިންޓް ލިބިފައެވެ. އަދި ފަސް ވަނައިގައި ނިންމާލި އީގަލްސްއަށް 23 ޕޮއިންޓް ލިބިފައިވާ އިރު، ހަވަނައަށް ދިޔަ ވިކްޓަރީ އާއި ހަތް ވަނައިގައި ނިންމާލި ޓީސީއަށް 21 ޕޮއިންޓް ލިބިފައިވެއެވެ. އަށް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ނުވަ ވަނައިގައި އޮތް ވެލެންސިއާ އަށް 12 ޕޮއިންޓް ލިބިފައިވާ އިރު، ވެލެންސިއާ އޮތީ ރެލިގޭޓް ވެފައެވެ. ފުލަށް ދިޔަ ޔުނައިޓެޑް ވިކްޓަރީ އަށް 11 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމުވެސް އޮތީ ރެލިގޭޓްވެފައެވެ.
ފުލުގައި އޮތް ދެޓީމު ރެލިގޭޓްވެފައިވާ އިރު، ހަތްވަނައިގައި ނިންމާލި ޓީސީއާއި އަށް ވަނައިގައި ނިންމާލީ ގްރީނަށް ރެލިގޭޝަން ޕްލޭ އޮފް ކުޅެން ޖެހޭނެއެވެ.
މިރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި މާޒިޔާގެ ހަމައެކަނި ގޯލް ޖަހައިދިނީ ސާޖިއޯ މެންޑީ އެގްލޭސިއަސްއެވެ. އޭގެފަހުން 28 ވަނަ މިނެޓުގައި އަހުމަދު ބައްސާމް މުހައްމަދު ނައީމަށް ދެއްކި ރަތް ކާޑާއެކު އޮޑިއަށް އުނދަގޫތަކާ ކުރިމަތިވި ނަމަވެސް، މެޗުގައި އެޓީމުން ހިތްވަރު ކޮށްފައިވެއެވެ.
ދެވަނަ ހާފުގައި ދެޓީމަށްވެސް ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައިރު، މާޒިޔާއިން ވަނީ ހުސް ފުރުސަތުތައް ތަނަވަސްކޮށްފައެވެ. ނާއިޒް ހަސަން (ދާދު) އާއި އަހުމަދު އައިހަމް އަދި އަބްދުﷲއައިސަމް ފޮނުވާލި ހަމަލާތައް ގޯލާ އަމާޒުވެފައި ނުވާ އިރު، އޮޑިން ގޯލަކަށް ކުރި މަސައްކަތްވެސް ކާމިޔާބެއް ނުވިއެވެ. އެއީ މާޒިޔާގެ ކީޕަރު ހުސައިން ޝަރީފްގެ ރަނގަޅު ސޭވްތަކަކާވެސް އެކުގައެވެ.
މުޙައްމަދު ޝަމްޢޫން
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު