ކުޅުދުއްފުށި ސިޓީގައި ހެދުމަށް ނިންމާފައިވާ 2،000 ހައުސިން ޔުނިޓުގެ މަސައްކަތް މިއަހަރު ފަށާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުޅުދުއްފުށިން ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕޭން އިފްތިތާހުކުރުމުގެ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ 2،000 ހައުސިން ޔުނިޓުގެ މަސައްކަތް މިހާރު ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފައި ކަމަށެވެ.

އެޗްޑީސީން ދަނީ އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތްކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މިއަހަރުގެ ތެރޭގައި އޭގެ މަސައްކަތްވެސް ފަށައި އަދި މި ޔުނިޓުތައް ދޭންޖެހޭ ފަރާތްތައް ހޯދުމަށްޓަކައި އިއުލާންކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދެވޭނެކަމަށް،" މުއްތަލިބު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ ކުރީ ސަރުކާރުން ކުޅުދުއްފުށީގައި ހައުސިން މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ކަމަށެވެ. ކުރީ ސަރުކާރުން އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޑީޕީގެ ކުރީގެ މަޖިލިސް މެންބަރެއްގެ ކުންފުންޏަކާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ކުންފުންޏަށް އެޑްވާންސް ފައިސާގެ ގޮތުގައި 65 މިލިއަން ރުފިޔާ، އޭރުގެ ސަރުކާރުން ދީފައިވާކަމަށް މުއްތަލިބު ވިދާޅުވިއެވެ. އަދި 21 މިލިއަން ރުފިޔާ މަޝްރޫއުގެ މަސައްކަތް ހިނގަމުން ދަނިކޮށް ދޫކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް 18 މަސް ދުވަސް ފާއިތުވެ، އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައިރު މަޝްރޫއުގެ ނިމިފައިވަނީ 18 ޕަސަންޓް މަސައްކަތްކަމަށް މުއްތަލިބު ވިދާޅުވިއެވެ.

ސަރުކާރުން އެ ކުންފުންޏަށް ޖުމްލަ 86 މިލިއަން ރުފިޔާ ދީފައިވާތީ، މި ސަރުކާރުން މަސައްކަތް ކޮށްފައިވަނީ އަލުން އެ ކުންފުންޏާ ވާހަކަދައްކައިގެން މަޝްރޫއުގެ މަސައްކަތް ފެށޭތޯކަމަށް މުއްތަލިބު ވިދާޅުވިއެވެ. ނަމަވެސް އެ ކުންފުނިން އެއްބަސްނުވުމުން، މިދިޔަ އަހަރުގެ މެދު ތެރޭގައި އެއްބަސްވުން ބާތިލުކޮށް، މިދިޔަ އަހަރުގެ ތެރޭގައި އެޗްޑީސީއާ އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މާތް ﷲ އިރާދަފުޅާއެއްކޮށް މިމަސް ތެރޭގައި ނޫނީ އެންމެ ލަސްވެގެން މާޗު މަސް ތެރޭގައި އެޗްޑީސީގެ ފަރާތުން މަސައްކަތް ކުރާނެ ބަޔަކު ހޯދައި، މަސައްކަތް ފެށުމުގެ ހުރިހާކަމެއް ހަމަޖެހިގެންދާނެ،" މުއްތަލިބު ވިދާޅުވިއެވެ.

މީގެ އިތުރުން މުއްތަލިބު ވިދާޅުވީ ކުޅުދުއްފުއްޓަކީ ހަމައެކަނި ސިޓީއެއް ނޫން، އެއީ ދެބަސްވެވެން ނެތް ގޮތުގައި އުތުރުގެ ވެރިރަށް ކަމަށެވެ.

އުތުރުގެ ރައްޔިތުން ތައުލީމާއި، ސިއްހީ ކަންކަމުގައި އަންނަނީ ކުޅުދުއްފުއްޓަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުޅުދުއްފުށީގެ އާބާދީ އިތުރުވަމުން އަންނައިރު ދިމާވާނެ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ ދަތިކަންކަމަށް މުއްތަލިބު ވިދާޅުވިއެވެ.