ހުޅުމާލެގައި ބިނާކުރާ ގްރޭންޑް މޮސްކް (ބޮޑު މިސްކިތް)ގެ ބިންގާ އަޅައި އަމަލީ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރުގެ 13ގައި ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ މިސްކިތުގެ ބިންގާ އަޅަން ނިންމާފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅިގެން 13 ސެޕްޓެމްބަރު 2026 / 2 ރަބީއުލްއާހިރު 1448 ގައި ކަމަށެވެ.
އެ މިސްކިތް ބިނާކުރެވިގެންދާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް އިމާރާތަކާއި ޕާކިން ސަރަހައްދެއް ވެސް ހިމެނޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރަން ނިންމާފައިވަނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަމަށެވެ. މީގެ އިތުރުން ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަން ވެސް މިސްކިތުގައި ހިމެނޭނެ ކަމަށެވެ.
އެ މަޝްރޫއަށް ރާއްޖެއިން ބޭރުގެ ހެޔޮ އެދޭ ފަރާތަކުން ފަންޑު ހަމަޖައްސައިދީފައިވާ ކަމަށްވެސް އެ މިނިސްޓަރު ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވެއެވެ.
"މިއީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ރާއްޖޭގައި ގާއިމު ކުރެވޭ ވަރަށް މުހިންމު އިސްލާމީ މަޝްރޫއަކަށް ވެގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.
އެ މިސްކިތުގެ ކޮންސެޕްޓްގެ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށް ދަނީ ތަފްސީލު ޑިޒައިން އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ. އަދި މިސްކިތް ޑިޒައިން ކުރަމުންދަަނީ ރާއްޖެއިން ބޭރުގެ ކަމުގެ ތަޖުރިބާކާރުން ކަމަށެވެ.
" މި މަޝްރޫއުގެ ޑިޒައިނިންއާއި ހުރިހައި މަރުހަލާއަކަށް ފަންޑުކުރަނީ މިސްކިތުގެ މަޝްރޫއަށް ފަންޑުކުރާ ފާރާތުން. އިންޝާ ﷲ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ."
އެ މިސްކިތަކީ ގާތްގަނޑަކަށް 10 ހާސް މީހުންނަށް ނަމާދުކުރެވޭނެ ވަރުގެ ބޮޑު މިސްކިތެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު މިސްކިތަށް ވެގެންދާނެއެވެ.
މި މިސްކިތް ބިނާކުރަން ނިންމާފައިވަނީ ހުޅުމާލެ ފޭސް 2 އާއި ފޭސް 3 ދެމެދުގައެވެ.
އާއިޝަތު މާހާ
މިސްކިތް
މިސްކިތް
މިސްކިތް
މިސްކިތް