މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މުހިންމު މަސައްކަތެއް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެކުންފުނީގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކުޓިވް އޮފިސަރު، ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާނެވެ. ސީއެޗްއީސީގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖާ މާއޯ ބާއޯއެވެ.
އެމްޕީއެލް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ތިލަފުށީގައި ތަރައްގީކުރުމަށް ރާވާފައިވާ ބަނދަރުގެ ފޭސް-1ގެ ޑިޒައިން އާއި ސާވޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސީއެޗްއީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން، އެކުންފުނި އެ މަސައްކަތް ފަސް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރުމަށްފަހު، ދެ ފަރާތުން އެއްބަސްވެވޭ އަގެއްގެ މައްޗަށް، މި ޕްރޮޖެކްޓްގެ ކޮންސްޓްރަކްޝަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރިޝްވާން ވިދާޅުވީ މިއަދަކީ އެމްޕީއެލްގެ ތާރީހުގައި މުހިންމު ދުވަހެއް ކަމަށެވެ. އަދި ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ސިނާއަތާއި، އާންމު ރައްޔިތުންގެ ހައްގުގައިވެސް ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ (ރިޔާސީ ބަޔާނުގައި) ވަރަށް އިތުބާރާއެކު ވިދާޅުވީ ދިވެހިރާއްޖޭގެ ބަނދަރު 2027ގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމައި، ހުޅުވެނެ ވާހަކަ،" ރިޝްވާން ވިދާޅުވިއެވެ.
"އެމްޕީއެލްގެ އުމުރުން 39 ފުރި، 40 އަހަރަށް ދަތުރުކުރަމުންދާއިރު، މި ކުންފުނީގެ ލީޑާޝިޕްގެ ހުރިހާ ބޭފުޅުންގެވެސް އެއް އުންމީދަކީ އާ ޕޯޓަކަށް ބަދަލުވުން. ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނާ މި ހަވާލުކުރީ ވަރަށް ބޮޑު ޒިންމާއެއް."
ރިޝްވާން ވިދާޅުވީ އެމްޕީއެލްގެެ ހުރިހާ މުވައްޒަފުން ގުޅިގެން، ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ އަމާޒު ހާސިލްކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
"މާތްﷲގެ ވާގިފުޅާއެކު މި ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް މި މަސައްކަތުގައި ބައިވެރިވެ، ގުޅިގެން މަސައްކަތްކޮށްގެން މި މަަސައްކަތް އަޅުގަނޑު މި އަމާޒު ހާސިލްކުރުމަށް މަސައްކަތްކުރާނަން. މިއީ ރައްޔިތުން ހައްގުގައި، (ވިޔަފާރި އާއި އިގްތިސާދީ) ސިނާއާތުގެ ހައްގުގައި ކުރަންޖެހޭ މުހިންމު މަސައްކަތެއް،" ރިޝްވާން ވިދާޅުވިއެވެ.
އާއިޝަތު މާހާ
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް