ރާއްޖެއަށް ދިމާވެފައިވާ ގަވާއިދާހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ފެށި އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަ ވަހީގައި، ގަވާއިދާހިލާފަށް އުޅެމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދީ ރާއްޖެއިން ޑީޕޯޓްކޮށްލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް ވިދާޅުވީ ދިވެހީންނަށް، ވަކިން ހާއްސަކޮށް ދިވެހި ޒުވާނުންނަށް، ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގެ ފުރިހަމަ ނަތީޖާ ނުކުންނާނީ، އަދި އޭގެ ދާއިމީ ހެޔޮ ބަދަލު ގައުމުގެ އިގްތިސޯދަށް ކުރާނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށްގެން ކަމަށެވެ.

ރައީސް ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް "ކުރަނގި" އޮޕަރޭޝަންގެ ނަމުގައި ހިންގާ އޮޕަރޭޝަންގައި މިހާތަނަށް 205,701 ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި، ފޭޝަލް ރިކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ހިމެނޭހެން ބައޯމެޓްރިކްސް ނަގައި އަޕްޑޭޓް ކޮށްފައިވާ ކަމަށެވެ.

ބަޔޮމެޓްރިކްސް ނުދީ، ވޯކް ޕާމިޓެއް ނެތި އުޅޭ ބިދޭސީއެއް މިހާރު ފާހަގަވެއްޖެނަމަ ވަގުތުން އެ މީހަކު ފޮނުވާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"ބަޔޮމެޓްރިކްސް ދީ ނަމަވެސް ލީގަލައިޒް ނުވެ ތިބި ބިދޭސީން ލީގަލައިޒްކުރުމުގެ ޕްރޮގްރާމް 1 ޖަނަވަރީ 2026 ގައި ފަށާފައިވާނެ. މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒްވުމަށްޓަކައި މިހާތަނަށް 3،837 އެޕްލިކޭޝަން ލިބިފައިވޭ" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 އިން މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 228 ބިދޭސީން ފޮނުވާލާފައިވާ ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 އިން ފެށިގެން މިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 11،496 ބިދޭސީއެއް ފޮނުވާލާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2018 އިން ފެށިގެން 2023 ވަނަ އަހަރާ ދެމެދު ރާއްޖެއިން ޑީޕޯޓްކޮށްފައިވަނީ 2،649 ބިދޭސީން ކަމަށެވެ.

"މީގެ އިތުރުން، 3 މެއި 2026 ގައި ކުރަނގި އޮޕަރޭޝަންގެ ތިން ވަނަ ފިޔަވަހި، އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. މި ފިޔަވަހީގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންނާއި، ކައުންސިލުތަކާއި، އިމިގްރޭޝަން ގުޅިގެން ކުރާ މަސައްކަތުން، ރާއްޖޭގެ ތަފާތު އެކި ކަންކޮޅުތަކުގައި ރެގިޔުލަރައިޒް ނުވެ، ސައްހަ ވޯކް ޕާމިޓެއް ނެތި އުޅެމުންދާ ބިދޭސީ މަސައްކަތްތެރިން އިތުރު ފުރުސަތެއް ނުދީ ޑީޕޯޓްކުރެވޭނެ" ރައީސް ވިދާޅުވިއެވެ.