ފާއިތުވި ދެ އަހަރުގެ ތެރޭގައި 21،000 އަށްވުރެ ގިނަ ވަޒީފާ އުފެދިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް ތަޅުމުގައި މިއަދު އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މިއަދުން ފެށިގެން 12 މަސް ދުވަސް ފަހުން، އަންނަ އަހަރުގެ ފެބްރުއަރީ 5 އިން ފެށިގެން، ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ތިބެވޭނީ ހަމައެކަނި ދިވެހީންނަށް ކަމުގައި، ކެބިނެޓުގައި މަޝްވަރާކޮށް، ނިންމާފައިވާ ކަމަށެވެ.

ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި، މަދުވެގެން 25000 އިތުރު ވަޒީފާގެ ފުރުސަތު ދިވެހިންނަށް ފަހިވެގެން ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި ސިންދަފާތުކުރުމަށް ތައުލީމީ ގާބިލު ދިވެހި ޒުވާނުންނާއި އެކި އުމުރުފުރާގެ ދިވެހިން އިތުރު ކުރުމަށް ކަނޑައަޅައި ތަންފީޒުކުރަމުންދާ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، 17 ނޮވެމްބަރު 2023 އިން މިއަދާ ހަމައަށް 21174 ވަޒީފާގެ ފުރުސަތު ދިވެހި އިގުތިސާދުގައި ވަނީ އުފެއްދިފައި. މީގެ ތެރޭގައި ޕްރައިވެޓް ސެކްޓާގައި އުފެދުނު ކަމަށް ޕެންޝަން އޮފީހުން ވިދާޅުވެފައިވާ 6724 ވަޒީފާ ހިމެނޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަން ކާމިޔާބު ކަމަކަށް ހެދުމަށްޓަކައި، ކުރިއަށްއޮތް އެއް އަހަރު ދުވަހުގެ ތެރޭގައި މީހުން ބިނާކުރުމާއި، ވަޒީފާއަށް ފަރުވާތެރިކަން ބެހެއްޓުމާއި ވަޒީފާގެ އަހުލާގާ ގުޅޭގޮތުން ހޭލުންތެރިކުރުމާއި، ވިޔަފާރިވެރިންނާ ގުޅިގެން އެ ވިޔަފާރިވެރިން އެކަމަށް ތައްޔާރުވުމަށް ދެވެން ހުރި އެންމެހާ އެހީތެރިކަން ސަރުކާރުން ދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.