އައްޑޫ ސިޓީއަކީ އައިޓީ ހަބެއްގެ ގޮތުގައި ތަރައްގީކުރަން ހަމަޖެހިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް ތަޅުމުގައި މިއަދު އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ދާއިރާ ކުރިއެރުވުމަށް މިދިޔަ އަހަރު ކުރެވުނު ކަންކަމާއި، ގާއިމު ކުރެވުނު ވަސީލަތްތަކުގެ ބޭނުން ހިފައި، އަދި މިއަހަރު އިތުރަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި، ކުރަން ނިންމާފައިވާ ކަންކަމާއެކު، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ހަރުފަތަކަށް ގެންދިއުން ކަމަށެވެ.
"މި ފުރުސަތުގެ ބޭނުންކޮށް އައްޑު އަތޮޅަކީ ދިވެހިރާއްޖޭގެ އައިޓީ ހަބްގެ ގޮތުގައި ހެދުމަށް، އެކަމަށް ޝައުގުވެރިކަން ހުރި އެންމެހާ ފަރާތްތަކަށް، ސަރުކާރުން ދައުވަތު ދެން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރުކޮށް ކުރިއަރުވައި ތަރައްގީކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް ގިނަ ލުއިތަކާއެކު ކުދި އަދި މެދު ފަންތީގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ބިމު ކުއްޔާއި، އިންކަމް ޓެކްސް ފަދަ ސީދާ ވިޔަފާރިތަކުން ދައުލަތަށް ދައްކާ ކުއްޔާއި ޓެކްސް ނުދައްކާގޮތަށް ހަމަޖެއްސުމާއި، އެހެނިހެން އިންސެންޓިވްތައް ދިނުން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މިގޮތުން، އެންމެ ފުރަތަމަ ހުޅުވާލާ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ ހިމެނޭހެން އައްޑު އަތޮޅަކީ 2027 ޖެނުއަރީ 1 އިން ފެށިގެން ތިން އަހަރު ދުވަހަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންވެސްޓުކުރުމަށް ގިނަ ލުއިތަކެއް ލިބިގެންދާނޭ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާކަން އިއުލާނުކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަން ތަންފީޒުކުރުމަށްޓަކައި ގާނޫނީ ގޮތުންނާއި އިދާރީ ގޮތުންނާއި ފަންނީ ގޮތުން މަގުފަހިކޮށްދޭންޖެހޭ ކަންކަން މިއަހަރު ތެރޭގައި ހަމަޖައްސާނެ ކަމަށާއި އޭގެ ސަބަބުން، ކުދި އަދި މެދު ފަންތީގެ ސިނާއަތް ބޮޑަށް ފުޅާވެ ކުރިއަރައި، އެތައް ވަޒީފާއެއް އުފެދި، އައްޑު އަތޮޅަށް، އަދި މުޅި ރާއްޖެއަށް، އިގުތިސާދީގޮތުން ގިނަގުނަ ފައިދާތައް ކުރާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު