ރާއްޖެއިން ދެން ދަރަނި ނަގަން ނުޖެހޭ މިންވަރަކަށް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)ގައި ޑޮލަރު ރައްކާކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ފާއިތުވި ސަރުކާރުތަކުން ރައްޔިތުންނަށް ވާރުތަކޮށްފައި ދިޔަ ބުރަބޮޑު ދަރަނީގެ ދަންތުރައިން މިންޖުކޮށް އެކަމަށް ތަސައްލީއެއް ހޯދައި، މާލީގޮތުން އަދަށްވުރެ ފަހި އަދި ފާގަތި ނަތީޖާ ހޯދައިދިނުމަށް ކަމަށެވެ.
މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން މި އަންނަނީ ސުކޫކު އަނބުރާ ދެއްކުމަށް ފަރުވާތެރިކަމާއެކު ތައްޔާރުވަމުންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރުން އެސްޑީއެފްއަށް ޑޮލަރު ޖަމާކުރަން ކަނޑައެޅި ސިޔާސަތާއި، ޖަމާކުރާ ޑޮލަރު އިތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، މިވަގުތު އެސްޑީއެފްގައި 275 މިލިއަން ޑޮލަރަށްވުރެ ގިނައިން ޖަމާކޮށްފައި ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު އެސްޑީއެފްގައި ބޭނުންކުރެވޭގޮތަށް ހުރީ އެންމެ ދެ މިލިއަން ޑޮލަރުކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރު އައި ފަހުން އެސްޑީއެފްގެ ގެ ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވެފައިވާކަން ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވެސް މިހާރު އަންނަނީ ފާހަގަކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ.
"އެސްޑީއެފްއަށް ޖަމާކުރާ ފައިސާ، ކުރިމަގުގައި އަދާކުރަންޖެހޭ ބޭރު ފައިސާގެ އިތުރު ދަރަނިތައް ވެސް އަދާކުރުމަށް ބޭނުންކުރަން މެދުރާސްތާގެ ބަޖެޓުގައި ހިމަނައި، އެގޮތުގެ މަތިން ދަރަނިތައް އަދާކުރުމަށް ރާވާފައިވާނެ. މި ކަމުގެ ސަބަބުން، ދަރަނި އަދާކުރުމަށްޓަކައި ދަރަނި ނަގަންޖެހޭ މިންވަރު ކުޑަކޮށް، ދަރަނީގެ ސްޓޮކް އަހަރުން އަހަރަށް ދަށްކުރަމުން ގެންދެވޭނެ. މާތްﷲގެ ވާގިފުޅާއެކު، މިއަދު އަޅާ ފިޔަވަޅުތަކުގެ ސަބަބުން، ދަރަނި އަދާކުރުމަށްޓަކައި އިތުރަށް ދަރަނި ނަގަން ނުޖެހޭ މިންވަރަށް އެސްޑީއެފްގައި ފައިސާ ރައްކާކުރެވޭނެ މަގު ކޮށައި އަލިކުރާނަން" ރައީސް ވިދާޅުވިއެވެ.
ބޭރު ފައިސާއާބެހޭ ގާނޫނު ތަންފީޒުކުރަން ފެށިފަހުން 2025 ވަނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން ޑިސެންބަރާ ހަމައަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 492 މިލިއަން އެމެރިކާ ޑޮލަރު މާރުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ސަބަބުން ވެސް 2025 ވަނަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުކުރުމަށް މަގުފަހިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"މިގޮތުން ބަލާއިރު، މިވަގުތު ދިވެހިރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވުގައި 1.13 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން އެބަހުރި. މިއީ ދިވެހި ރާއްޖޭގެ ތާރީހުގައި ރަސްމީ ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު" ރައީސް ވިދާޅުވިއެވެ.
މިއަހަރު ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީގެ އިތުރުން، ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 100 މިލިއަން ޑޮލަރު މިހާރު ކަށަވަރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެ އާމްދަނީ ކުރިއަށް އޮތް 45 ދުވަސް ތެރޭގައި ޖަމާވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ޓްރިޕަލް އޭ ރޭޓަޑް އިންޝޫރަންސް އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓަރުންނަށް ދެވޭ އިންޝޫރަންސް ކަވާ ހަމަޖެހިފައިވާއިރު، އިތުރު 150 މިލިއަން އެމެރިކާ ޑޮލަރު ހަމަޖެއްސުމުގެ ގިނަ މުއާމަލާތްތަކެއް ނިންމުމަކާ ހަމަޔަށް ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު