ހުޅުމާލެ ސައުތު ވެސްޓް މަރީނާ ޕްރޮޖެކްޓާއި ޕާކިން އަދި ކޮމާޝަލް ބިލްޑިންގް ޕްރޮޖެކްޓްގެ އެއްބަސްވުން ބާތިލްކޮށް ތަން ހުސް ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އިން ދިން ނޯޓިސް އަށް އަމަލު ނުކުރަން ސިވިލްކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން އެއްބަސްވެ، އެޗްޑީސީއިން ސޮއިކޮށްފައި ވަނީ ޖީޕީއެލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާއެކުގައެވެ.

ސައުތު ވެސްޓް މަރީނާ ޕްރޮޖެކްޓްގެ އެއްބަސްވުމަކީ ހައެއް ސެޕްޓެމްބަރު 2023 ގައި ވެފައިވާ އެއްބަސްވުމެކެވެ. ޕާކިން އަދި ކޮމާޝަލް ބިލްޑިންގް ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރީ 12 އޮކްޓޫބަރު 2023ގައެވެ.

މި ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތައް ބާތިލް ކުރުމަށް އެޗްޑީސީން ނޯޓިސް ދިނީ މިދިޔަ ޖެނުއަރީ މަހުގެ ހަތަރެއްގައެވެ. އަދި ޕާކިން އަދި ކޮމާޝަލް ބިލްޑިން ޕްރޮޖެކްޓްގެ އެއްބަސްވުމުގެ ދަށުން ދިން ޖެނުއަރީ ހަތަރުވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުސް ކުރުމަށް ވެސް އެޗްޑީސީން ވަނީ ނޯޓިސް ދީފައެވެ.

މި ކަމާ ގުޅިގެން ޖީޕީއެލް ހޯލްޑިންގެ ފަރާތުން މައުލޫ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގެ ކުރިން، އެ ނޯޓިސްތަކަށް އަމަލު ނުކުރުމުގެ ވަގުތީ އަމުރަކަށް އެދި ސިވިލްކޯޓަށް ހުށަހެޅިއެވެ.

މި ހުށަހެޅުމާ ގުޅިގެން ކޯޓުން ނިންމި ނިންމުމުގައި ވަނީ، ސައުތު ވެސްޓް މަރީނާ ޕްރޮޖެކްޓްގެ އެކުއިޒަން ފީގެ ގޮތުގައި 1.1 މިލިޔަން ރުފިޔާ އާއި ލީސް ޑިޕޮއިޓްގެ ގޮތުގައި ހަތްލައްކައަށް ވުރެ ގިނަ ރުފިޔާއާ އެކު ޖުމްލަ 1.8 މިލިޔަން ރުފިޔާ ޖީޕީއެލްއިން އެޗްޑީސީއަށް ދައްކާފައިވާ ކަމަށެވެ. އަދި ޕާކިން އަދި ކޮމާޝަލް ބިލްޑިން ޕްރޮޖެކްޓްގެ އެކުއިޒިޝަން ފީގެ ގޮތުގައި 1.2 މިލިޔަން ރުފިޔާ އާއި 5.1 މިލިޔަން ރުފިޔާ އާއި ޑިޕޮސިޓްގެ ގޮތުގައި 3.3 މިލިޔަން ރުފިޔާ އެޗްޑީސީއަށް ދައްކާފައިވުމާ އެކު، އެހެން ކަންތައްތައް ވެސް ހުރުމުން މިފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ގާނޫނީ ގޮތުން ޖީޕީއެލް އަށް ލިބިގެންވާ ކަމަށެވެ.

ދެފަރާތުން ވެފައިވާ އެއްބަސްވުންތަކާ ހިލާފަށް އެ އެއްބަސްވުންތައް އުވާލައި ބިންތައް އަތުލަން އެޗްޑީސީން މަސައްކަތް ކުރަމުން އަންނާތީ، މައުލޫއީ ދައުވާއަށް ގޮތެއް ކަނޑައެޅުމާ ހަމައަށް ޖީޕީއެލް އަށް ގާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ މައްސަލައާ ބެހޭ މައުލޫއީ ދައުވާ ކޯޓަށް ހުށަހެޅުމަށް ޖީޕީއެލްގެ މައްޗަށް ޝަރުތުކޮށް މި ޝަރުތާ ހިލާފުވެއްޖެނަމަ މި ވަގުތީ އަމުރު ނިމުމަކަށް އަންނާނެ ކަމަށް ކަނޑައަޅައި، ޝަރުތާ ހިލާފްވެގެން މި ވަގުތީ އަމުރު ނިމުމަކަށް އަތުވެއްޖައުމާ ހަމައަށް ނުވަތަ މައުލޫއީ ދައުވާގެ ތެެރެއިން ޝަރީއަތުން އެހެން ގޮތަކަށް ކަނޑައެޅުމާ ހަމައަށް އެޗްޑީސީ އާއި ޖީޕީއެލްއާ ދެމެދު ވެފައިވާ އެއްބައްވުންތައް ބާތިލްކޮށް ތަން ހުސް ކުރުމަށް އެޗްޑިސީން ދިން ނޯޓިސްތަކަށް އަމަލު ކުރުން ފަސް ކުރުމަށް އެޗްޑީސީއަށް އަންގައި ސިވިލްކޯޓުން ވަނީ އަމުރުކޮށްފައެވެ.