ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ރޯދަ މާރުކޭޓުން ދިވެހިންނަށް ގޮޅި ދޫކުރަން މިއަދު ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިއީ، ރަމަޟާން މަހަށް ތައްޔާރުވުމަށް ކުރަމުން އަންނަ ގިނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަރައްގީކުރި މާރުކޭޓެއް ކަމަށެވެ.

އެ މާރުކޭޓުން ގޮޅި ދޫކުރާނީ ހިލެއެވެ. އެ ގޮޅިތަކުގައި ވިއްކޭނީ، މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތަކެވެ.

އެޗްޑީސީން ބުނީ ގޮޅިއަށް އެދި ހުށަހަޅާ ފޯމު މިހާރު އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. ފޯމު ބަލައިގަތުމާއި ގުރުއަތުނެގުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 3:30 ގައި އެޗްޑީސީގެ ކަސްޓަމާ ކެއާ އޮފީސް (ސެންޓްރޯ މޯލް) ގައެވެ.

ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަވާގޮތަށް، އެ މާރުކޭޓު ގާއިމުކޮށްފައިވަނީ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތް ދޭތެރޭގައެވެ.