އިދިކޮޅުން އެ މަސައްކަތްކުރަނީ ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ ތެރެއިން އިޖުތިމާއީ ފޭރާން ވީދާލަން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ މެދު ހެންވޭރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިއީ ކުޑަކުޑަ އާބާދީއެއް ކަމަށާއި މި އާބާދީ ތެރޭގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދައިގެން ލިބޭނެ އެއްވެސް މަންފާއެއް ނެތް ކަމަށެވެ.
"ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ ތެރެއިން އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން ވީދާލަން މަސައްކަތްކުރަނީ. އެހެންނަމަވެސް އަޅުގަނޑު ކުރިން ދެންނެވިހެން އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ފެއްޓެވި ވަރަށް ބިޔަބޮޑު މަޝްރޫއެއް އެއީ މި ގައުމުގައި އިޖުތިމާއީ ފޭރާން ރަނގަޅުކުރައްވަން ފެއްޓެވި މަސައްކަތްޕުޅު. އޭގެ ސަބަބުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލަށް ހެޔޮ ބޮޑު ބަދަލުތަކެއް އަންނާނެކަން ޔަގީން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ޖަވާބުދާރީ ކުރުވަން ދައްކާ ވާހަކަތައް މުޖުތަމައު ތެރެއަށް ދޫކޮށްލަން ޖެހޭނީ ވަރަށް ބޮޑު ޒިންމާއެއް އޮތްކަން އެނގިގެން ކަމަށާއި އެހެންނޫން ނަމަ، އޭގެ ސަބަބުން މުޖުތަމައު ތެރޭގައި އިޖުތިމާއީ ހަމަނުޖެހުމަަށް ޖާގަ އުފެދި، ނަފުރަތާއި ރުޅިވެރިކަން އުފެދި، ޒާތީ ހަސަދަ އާއިލާތަކުގެ ތެރޭގައި އުފެދޭ ކަމަށެވެ.
ބޭނުންވަނީ އެކަންތައް ނެތިގެން ދިއުން ކަމަށާއި 2008 ގެ ކުރީކޮޅުގައި އެ ފެށުނު ކަންތައްތައް ބޭނުންވަނީ ހަނދާން ނައްތާލަން ކަމަށެވެ. އަދި މި ސިޔާސީ މައިދާނުގައި އެއީ ތަކުރާރުކުރަން ބޭނުންވާ ކަންކަމެއް ނޫން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"މިއަދުގެ މި ޖީލުތަކަށް ބޭނުންވާ ވާހަކަތަކެއް ނޫން އެއީކީ. ވެރިން ޖަވާބުދާރީކުރުވަން ދައްކާނެ ވާހަކަތައް ހުންނާނެ. ރައްޔިތުން ގަބޫލުކުރާ ފެންވަރުގެ ވާހަކަތައް ހުންނާނެ. އެހެންނަމަވެސް އަޅުގަނޑު މި ދެންނެވި އޭގެ ރީތި ގޮތުގައި އެކަން ކޮށްދެއްވާށޭ. އަޅުގަނޑުމެންގެ ރައީސަކީ ޖަވާބުދާރީވާން ކެރޭނެ ވެރިއެއް. އަޅުގަނޑުމެންގެ ކައުންސިލަރުން ވާނީ އިރާދަކުރެއްވިއްޔާ ޖަވާބުދާރީވާން ކެރޭނެ ބަޔަކަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން ކައުންސިލަރުންނަކީ ސަރުކާރު ޖަވާބުދާރީކުރަން އޮތް ފަށަލައެއް ނޫން ކަމަށާއި އެއީ ސަރުކާރާ ގުޅިގެން، ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށްޓަކައި އެއްބާރުލުންދީގެން ގުޅިލާމެހިގެން މަސައްކަތްކުރަން ޖެހޭ ބައެއް ކަމަށެވެ.
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު