ރޯދަމަހާ ދިމާކޮށް ގޭބީސީތަކުން އުކާލާ ތަކެތީގެ ތެރެއިން، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި، ހަދިޔާކުރުމަށް މިއަހަރުވެސް "އެއްގެއިން އަނެއްގެއަށް" ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެޗްޑީސީން ނިންމައިފިއެވެ.

"އެއްގެއިން އަނެއްގެއަށް" ކެމްޕެއިނަކީ، ރޯދައަށް ގޭބީސީތަކުން ތަކެތި އާކުރުމުގެ ތެރެއިން އެގޭގައި ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ އެހެން ފަރާތަކަށް ހަދިޔާ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެޗްޑީސީން ބުނިގޮތުގައި މި ޕްރޮގްރާމަށް ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ތަކެތި ހަދިޔާ ކުރެވިދާނެއެވެ. މި ޕްރޮގުރާމުގެ ދަށުން ބޮޑަށް އަމާޒުކުރަނީ ބޭނުންކޮށްފައިވާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެއްޗަށެވެ.

މާދަމާއިން ފެށިގެން، މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގުރާމުގެ ދަށުން ގޭގެއިން ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ފޯރުކޮށްދިނުމުގެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިދޭނެއެވެ. ތަކެތި ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ފަހުގައި ބާކީ އެއްވެސް އެއްޗެއް ހުރެއްޖެނަމަ، އެތަކެތި ދޫކުރާނީ ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަތުމަށްފަހު، އެ ފަރާތްތަކަށެވެ.

"އެއް ގެއިން އަނެއް ގެއަށް" ކެމްޕޭންގެ ތެރެއިން. -- (ފޮޓޯ/ އެޗްޑީސީ)

އެޗްޑީސީން ބުނިގޮތުގައި މި ޕްރޮގުރާމުގެ މަގުސަދަކީ، ރޯދަމަހުގައި އެކަކު އަނެކަކަށް ތަކެތި ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ބާރު އެޅުމެވެ. އަދި ރޯދަމަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު ނައްތާލަންޖެހޭ ކުނި މަދުކޮށް، އަލުން ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

އެޗްޑީސީން ބުނީ މިދިޔަ އަހަރުވެސް އެ ޕްރޮގުރާމަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

އެއްވެސް ފަރާތަކުން އެ ޕްރޮގުރާމަށް ތަކެތި ހަދިޔާކުރަން ބޭނުންނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.