މޮރޮކޯގައި މިހާރު ކުރިއަށްދާ މޮރޮކޯ ވޯލްޑް ބޮޑީބޯޑް ޗެމްޕިއަންޝިޕުގެ ޖޫނިއާ ބައިގައި ވާދަކޮށް، ރާއްޖޭގެ ބޮޑީބޯޑަރު އިޔަން އަހުމަދު ރަނގަޅު ކުރިއެރުމެއް ހޯދައިފިއެވެ.

ގައުމީ ބޮޑީބޯޑިން ޓީމުން މިފަހަރު އައިބީސީ ވޯލްޑް ޓުއާގެ ފުރަތަމަ ސްޓޮޕް ކަމަށްވާ، މޮރޮކޯ ވޯލްޑް ބޮޑީބޯޑް ޗެމްޕިއަންޝިޕްގައި ވާދަކުރަން ގޮސްފައިވާ އިރު، މިއީ ޓީމެއްގެ ގޮތުގައި ބައިނަލްއަގުވާމީ އިވެންޓެއްގައި ރާއްޖޭން ވާދަކުރާ ފުރަތަމަ ފަހަރެވެ.

މޮރޮކޯ މުބާރާތުގެ ސީނިއާ ކެޓަގަރީ، ޕްރައިމް ސީރީސްގައި ވާދަކުރާނީ ގައުމީ ސީނިއާ ބޮޑީބޯޑިން ޓީމުގައި ހިމެނޭ އަލީ ހުޝްރުވާން (ކުޑަ އައްޔަ)، އާމިން އުމަރު މޫސާ، އަދި، އަޝްރަފް ހަސަނެވެ. އެއިވެންޓްގައި ވާދަކުރަން އެންޓްރީ ހެދި މުހައްމަދު ކައިފަށް އަނިޔާގެ ސަބަބުން މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުނެވެ.

އިޔަން ވާދަކުރީ ޖޫނިއާ އިވެންޓް ރައިސިން ސީރީސްގައެވެ.

ރައިސިން ސީރީސް އިއްޔެ ފަށާފައިވާ އިރު، އެއްވަނަ ބުރުގެ ހީޓު އަށެއްގައި ވާދަކޮށް، އިޔަން ވަނީ ދެވަނަ ހޯދައި، އަނެއް ބުރަށް ގޮސްފައެވެ. އިޔަންގެ ސްކޯއަކީ 5.45 އެކެވެ. އެއްވަނައަށް ދިޔަ ފްރާންސްގެ ޔޯހަން ބަޗެލާޑަށް 9.75 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައަށް ދިޔަ މޮރޮކޯގެ ހާޖީ ޔާސީންއަށް ވަނީ 3.25 ޕޮއިންޓް ލިބިފައެވެ. އެ ހީޓްގެ ފުލަށް ދިޔައީ ނާނީ އާދަމްއެވެ. އޭނާއަށް ލިބުނީ އެއް ޕޮއިންޓެވެ.

ދެ ވަނަ ބުރުގައި އިޔަން އިއްޔެ ވާދަކޮށް، އޭނާއަށް މުބާރާތް ނިމުނީ ތިންވަނަ ލިބުމުންނެވެ. ވަރުގަދަ ހީޓެއްގައި އިޔަން ރަނގަޅު ވާދައެއް ކޮށްފައިވާ އިރު، އެއްވަނައަށް ދިޔަ ފްރާންސްގެ ލޫކާ ޒަނިނޮއްޓޯ 15.65 ޕޮއިންޓް ހޯދި އެވެ. ދެވަަނަ ހޯދި އެމެރިކާގެ ޑޭވީ އެންޑަސަން އަށް ވަނީ 10.35 ޕޮއިންޓް ލިބިފައިވާ އިރު، އެއީ ނިސްބަތުން މަތި ސްކޯތަކެކެވެ. އިޔަން ހީޓްގެ ތިންވަނައިގައި ނިންމާލީ 8.15ގެ ސްކޯއަކުންނެވެ.