ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ މޯލްޑިވްސް ޕްރޯ 2026 ގެ ރައިސިން ސީރީސް ކެޓަގަރީގެ ސެމީ ފައިނަލަށް ރާއްޖޭގެ އަލީ ހުޝްރުވާން (ކުޑަ އައްޔަ) އާއި އާމިން އުމަރު މޫސާ މިއަދު ރަނގަޅު ވާދައެއް ކޮށްފައިވީ ނަމަވެސް، ފައިނަލަށް އެންމެފަހުގެ ޗެމްޕިއަން އަރްމީޑޭ ސޮލިވޭރެސް އަކޫޔޯއާއި ލެޖެންޑަރީ ޕިއޭ ލުއީ ކޮސްޓެސް (ޕީއެލްސީ) ދަތުރު ކޮށްފިއެވެ.
މިމަހު 12 އިން ފެށިގެން ކ. ތުލުސްދޫގައި ކުރިއަށްދާ މޯލްޑިވްސް ޕްރޯގައި ފިރިހެން ރައިސިން ސީރީސް ޑިވިޝަނާއި އަންހެން ޕްރައިމް ސީރީސް ޑިވިޝަންގެ އިތުރުން ފިރިހެން ޖޫނިއާގެ ރައިސިން ސީރީސް ޑިވިޝަން ކުރިއަށް ދެއެވެ.
ފިރިހެން ރައިސިން ސީރީސް އިވެންޓްގެ ސެމީ ފައިނަލަށް ރާއްޖޭގެ އާމިންއާއި ކުޑަ އައްޔަ ދަތުރު ކޮށްފައިވާ އިރު، އެއީ ތާރީހީ ކާމިޔާބީއެކެވެ. އާމިންއާއި ކުޑަ އައްޔައަކީ ވޯލްޑް ޓުއާ އިވެންޓެއްގެ ސެމީ ފައިނަލަށް ދަތުރުކޮށް ޕޯޑިއަމުން ފުރުސަތު ހޯދި ފުރަތަމަ ދިވެހި އެތުލީޓުންނެވެ.
މިއަދު ކުރިއަށްދިޔަ ސެމީ ފައިނަލް ހީޓްތަކުގައި ދެ އެތުލީޓުންވެސް ރަނގަޅު ވާދައެއް ކޮށްފައިވާ އިރު، ކުޑަ އައްޔަ ވާދަކުރީ މިފަހަރު ރެކޯޑު ހެދި ޕީއެލްސީއާ ދެކޮޅަށެވެ. ވޯލްޑް ޓުއާ އިވެންޓްގެ 61 ވަނަ ފަހަރަށް ޕޯޑިއަމް ހޯދައި ޕީއެލްސީ ރެކޯޑު ހެދި އިރު، މިއަދު އޭނާ ވަނީ ސެމީގައި 14.40 ގެ ސްކޯއެއް ހޯދައިފައެވެ.
އެއީ 7.00 ގެ ސްކޯގެ ރާޅެއްގެ އިތުރުން 7.40 ގެ ސްކޯގެ ރާޅަކާއެކުގައެވެ. ކުޑަ އައްޔަ ވަނީ 8.25 ގެ ރާޅަކާއި 5.35 ގެ ރާޅެއް ފުރިހަމަ ކޮށްފައެވެ.
އެންމެފަހުގެ ޗެމްޕިއަން އަރްމީޑޭއިން ސެމީގައި 15.50 ގެ ސްކޯއެއް ހޯދި އިރު، އާމިން ވަނީ 12.50 ގެ ސްކޯއެއް ހޯދައިފައެވެ. އަރްމީޑޭ ވަނީ 8.00 އަދި 7.50 ގެ ސްކޯއެއް ހޯދައިފައެވެ. އާމިންގެ އެންމެ ރަނގަޅު ދެ ރާޅަކީ 7.00 އަދި 5.50 އެކެވެ.
މޯލްޑިވްސް ޕްރޯގައި މިހާރު ކުރިއަށް ދަނީ އަންހެން ޕްރައިމް ސީރީސް ސެމީ ފައިނަލް ދެ ހީޓެވެ.
މުޙައްމަދު ޝަމްޢޫން
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ކޮމެންޓް