ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ މޯލްޑިވްސް ޕްރޯ 2026 ގެ ރައިސިން ސީރީސް ކެޓަގަރީގެ ސެމީ ފައިނަލަށް ރާއްޖޭގެ އަލީ ހުޝްރުވާން (ކުޑަ އައްޔަ) އާއި އާމިން އުމަރު މޫސާ ދަތުރު ކޮށްފިއެވެ.
މިމަހު 12 އިން ފެށިގެން ކ. ތުލުސްދޫގައި ކުރިއަށްދާ މޯލްޑިވްސް ޕްރޯގައި ފިރިހެން ރައިސިން ސީރީސް ޑިވިޝަނާއި އަންހެން ޕްރައިމް ސީރީސް ޑިވިޝަންގެ އިތުރުން ފިރިހެން ޖޫނިއާގެ ރައިސިން ސީރީސް ޑިވިޝަން ކުރިއަށް ދެއެވެ.
މިހާތަނަށް މިފަހަރުގެ މުބާރާތް ވެގެން ގޮސްފައި ވަނީ ރާއްޖޭގެ އެތުލީޓުންނަށް ކާމިޔާބު މުބާރާތަކަށެވެ. ތުލުސްދޫ ރާޅުގަނޑުގައި ކުރިއަށްދާ ކުރިއަށްދާ އިވެންޓްގެ ރައިސިން ސީރީސްގެ ކުއާޓާ ފައިނަލަށް ރާއްޖޭގެ ހަތަރު އެތުލީޓުން ދަތުރު ކޮށްފައިވާ އިރު، އެއީ ނޫހު މުހައްމަދު ދުނައިމް އިރުޝާދާއި ކުޑަ އައްޔައާއި އަޝްރަފް ހަސަނާއި އާމިންއެވެ.
ކުއާޓާގެ ހީޓްތައް މިއަދު ކުރިއަށް ގޮސްފައިވާ އިރު، ކުޑަ އައްޔަ ހީޓް އެކެއްގައި ވާދަކުރީ ނޫހާއެވެ. އެ ހީޓް ކުޑަ އައްޔަ ގެންދިޔައީ 14.50 ގެ ސްކޯއަކުންނެވެ. ނޫހު ވަނީ 13.60 ގެ ސްކޯއެއް ހޯދައިފައެވެ. ދެވަނަ ހީޓުން ޕިއޭ ލުއީ ކޮސްޓެސް ވަނީ ތާރީހު ލިޔެލައިފައެވެ. ވޯލްޑް ޓުއާ އިވެންޓްގެ 61 ވަނަ ފަހަރަށް ޕޯޑިއަމް ހޯދުމަށް އޭނާ ސެމީ ފައިނަލަށް ދަތުރުކުރި އިރު، ތިންވަނަ ހީޓްގައި އެންމެފަހުގެ ޗެމްޕިއަން އަރްމީޑޭ ސޮލިވޭރެސްއާއި އަޝްރަފް ވަނީ ވަރުގަދަ ވާދައެއް ކޮށްފައެވެ.
އަރްމީޑޭ ހީޓް ކާމިޔާބުކުރީ 13.85 ގެ ސްކޯއަކުންނެވެ. އަޝްރަފްވެސް ވަނީ 13.65 ގެ ސްކޯއެއް ހޯދައިފައެވެ.
އާމިން ހޫގޯ ނައުޑޭއާ އެއް ހީޓެއްގައި ވާދަކުރި އިރު، އާމިން ވަނީ 13.25 ގެ ސްކޯއެއް ހޯދައިފައެވެ. ހޫގޯ އެ ހީޓްގައި ހޯދީ 13.00 ގެ ސްކޯއެކެވެ.
ފިރިހެން ރައިސިން ސީރީސްގެ ސެމީ ފައިނަލް ހީޓް އެކެއްގައި ކުޑަ އައްޔަ ވާދަކުރާނީ ޕިއޭ ލުއިސް ކޮސްޓެސްއާއެވެ. އާމިން ވާދަކުރަން ޖެހޭނީ އެންމެފަހުގެ ޗެމްޕިއަން އަރްމީޑޭއާ ދެކޮޅަށެވެ.
މިއީ ރާއްޖޭގެ އެތުލީޓުން ވޯލްޑް ޓުއާ އިވެންޓެއްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކުޑަ އައްޔަ ވަނީ މޯލްޑިވްސް ޕްރޯގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކޮށްފައެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ވިސިޓް މޯލްޑިވްސް ޕްރޯ
ކޮމެންޓް