އަންނަ މަހު ސްޕެއިނުގެ ކެނޭރިއާ އައިލެންޑްސްގައި ކުރިއްދާ ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާ އިވެންޓް، ގްރޭން ކެނޭރިއާގެ ފްރޮންޓޮން ކިންގްގެ ޖޫނިއާ މެންސް އިވެންޓުގައި ރާއްޖޭގެ އުންމީދީ ބޮޑީބޯޑަރު، އިޔަން އަހުމަދު ވާދަކުރަން ނިންމައިފިއެވެ.

ފްރޮންޓޮން ކިންގް މިފަހަރު ކޭނަރީ އައިލެންޑްސްގެ ގެލްދާރްގައި އޮންނާނީ އަންނަ މަހުގެ 17 އިން 31 އަށެވެ. އިވެންޓްގެ ޖޫނިއާ މެންސް ކެޓަގަރީއަށް ކޮލިފައިވެފައިވާ އެތުލީޓުންގެ ތެރެއިން މިހާތަނަށް ވާދަކުރަން ނިންމާފައިވާ އެތުލީޓުންގެ ލިސްޓް އައިބީސީން މިއަދު އާންމުކޮށްފައެވެ.

ލިސްޓްގައި އިޔަންގެ ނަން މިއަދު ހިމެނޭ އިރު، އޭނާއަކީ އެންމެ ފަހުން ރާއްޖޭގައި ބޭއްވި ވިސިޓް މޯލްޑިވްސް ޕްރޯ 2026 ގެ ޖޫނިއާ މެންސް ރައިސިން ސީރީސް އިވެންޓްގެ ޗެމްޕިއަނެވެ. އެ އިވެންޓްގެ ދެވަނަ އަކީ ނޫހު މުހައްމަދު ދުނައިމް އިރުޝާދެވެ. އަދި ތިންވަނަ ހޯދީ ދާއިން އަބްދުލް ފައްތާހެވެ.

ނޫހާއި ދާއިންވެސް އެ އިވެންޓުން މިފަހަރު އައިބީސީ ޓުއާގެ ފަހު އިވެންޓް ކަމަށްވާ ފްރޮންޓޮން ކިންގަށް ކޮލިފައިވި ނަމަވެސް، ވާދަކުރާ ގޮތަށް ނިންމާފައެއް ނުވެއެވެ. އެއީ އެކިއެކި ސަބަބުތަކާ ހެދިއެވެ.

ތުލުސްދޫގެ މަޝްހޫރު ސާފް ޕޮއިންޓް، "ކޯކްސް" ރާޅުގަނޑުގައި ކުރިއަށްދިޔަ މޯލްޑިވްސް ޕްރޯގެ އިތުރުން އިޔަން ވަނީ މިއަހަރު މޮރޮކޯގެ ޓަގަޒޫޓް ބޭގައި ބޭއްވި އިވެންޓްގެ ޖޫނިއާ ބައިގައި ވާދަކޮށް 13 ވަނައިގައި ނިންމާލައިފައެވެ.

މިދިޔަ އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދި އިޔަންއަކީ މިހާރު ޖޫނިއާ ވޯލްޑް ރޭންކިގައިވެސް ރަނގަޅު ހިސާބެއްގައި އޮތް އެތުލީޓެކެވެ. އެގޮތުން އޭނާ މިވަގުތު ހަތް ވަނައިގައި އޮތީ 1725 ޕޮއިންޓާއެކުގައެވެ. ސްޕެއިންގެ ކޭނަރީ އައިލެންޑްގައި އޮންނަ ފްރޮންޓޮން ކިންގް އިވެންޓުން ދުނިޔޭގެ ޗެމްޕިއަންކަން ކަނޑައެޅޭ އިރު، އިޔަންއަށް ރަނގަޅު ރޭންކިންއެއްގައި ސީޒަން ނިންމާލަން ބޮޑު ފުރުސަތެއް އެބައޮތެވެ.

އިޔަން މިހާރު އޮތް ހިސާބުންވެސް އެއީ ތާރީހީ ކާމިޔާބީއެކެވެ.