ކ. ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި ސްރީ ލަންކާގެ މީހާއަށް، ގަސްދަކާނުލައި މީހަކު މެރުމުގެ ކުށުގެ ތުހުމަތުކޮށްފިއެވެ.

ތިލަފުށިން ގެއްލިގެން ހޯދަމުންދިޔަ އަމީން މަރުވެފައި އޮއްވައި ފެނިފައިވަނީ ނިމިދިޔަ މަހުގެ 26ގައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ އެކްސްކަވޭޓަރެއްގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާ އެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވިގެންނެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާ ރައްޔިތެއް ކަމަށްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ، 32އ އެވެ.

ފުލުހުން މިއަދު އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ހަތް ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާއަށް ފުލުހުން ކުރަނީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށުގެ ތުހުތަމެވެ. އެ ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ހާދިސާ ރިޕޯޓާއި ސީސީޓީވީ ސްނެޕްޝޮޓްތަކެއް ހުރިކަން އަމުރުގައިވެއެވެ.

އަމުރުގައި ބުނެފައިވާ ގޮތުން ލަންކާ މީހާ އެކްސްކަވޭޓަރު އޮޕަރޭޓްކޮށްފައި ވަނީ ބަލަން ޖެހޭ މިންވަރަށް ނުބަލައި ކަމަށް އައިއޯ ކޯޓުގައި ބުނެފައިވެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އަމީން މިއާ މަރުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަނިކޮށް ކަމަށެވެ.

އެގޮތުން އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.