"ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު"ން މުއްދަތު ލިބޭނަމަ އެންމެ ރަނގަޅު ގޮތަކީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ އިންތިހާބު ތަކާއެކު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބެލުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުން ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ދެ އިނިްތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެބިލް މިހާރު އޮތީ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައެވެ.
ކުރިއަށް އޮތް ލޯކައުންސިލް ތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލްމަހުގެ ހަތަރުވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
އެއާއެކު އޭޕްރީލް ހަތަރެއްގައި ބާއްވާ އިންތިހާބުތަކާއެކު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުނެގުން ބާއްވަން، ތާއީދު ކުރައްވައި، އެ ބިލް މަޖިލީހަށް ހުށަހެޅި ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ރޭ ވާހަކަދައްކަވައިފައެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި ބުނަނީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތު އޮންނަންވާނެ ކަމަށެވެ.
އެކަން އެގޮތަށް އޮއްވައި ދެ އިންތިހާބު އެއްކޮށްލާ ބިލާ ބެހޭގޮތުން އިތުރަށް ހިޔާލު ހޯދުމަށް، މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިއަދު ވަނީ އެޓާނީ ޖެނެރަލްއާ ބައްދަލު ކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ކުރެއްވި ސުވާލަކާ ގުޅިގެން އޭޖީ އުޝާމް ވިދާޅުވީ، ގާނޫނުގައި އެގޮތަށް 45 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވަނީ، އެއީ އެކަަމަށް ރަނގަޅު މުއްދަތެއްކަމަށް ރައްޔިތުންގެ މަޖިލީހަށް ފެނިގެން ކަމަށެވެ.
"ނަމަވެސް އެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްވުމުން ތަސްދީގު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ހިސާބުން، ރައީސުލްޖުމްހޫރިއްޔާ ޖެހިވަޑައިގަންނަވާ ކެބިނެޓްގެ ލަފަޔާ އެއްކޮށް ގަރާރެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަން، އެ ގަރާރުގައި ސަރުކާރުގެ ފަރާތުން މި ރެފަރެންޑަމް ބާއްވަން އެދޭ ތާރީހެއް އޮންނަން ޖެހޭ، އެހެންވީމަ އެ ތާރީހެއް ކެބިނެޓުގެ ލަފަޔައެކު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ގަރާރުގައި އޮންނާނެ،"
އެ ތާރީހަކީ އިންތިހާބުތައް ބާއްވާ ތާރީހު ނަމަ އެއީ ގާނޫނާ ފުށުއަރާކަމެއްނޫން ކަމަށާއި، ގަބޫލު ކުރައްވަނީވެސް އަދި އެންމެ ރަނގަޅު ގޮތަކީވެސް ކުރިއަށް އިންތިހާބެއް އޮތްނަމަ އެ އިންތިހާބަކާއެކު ރެފަރެންޑަމް ބޭއްވުން ކަމަށް އުޝާމް ވިދާޅުވިއެވެ.
އެއީ އާއްމު ވޯޓަކީ މުޅި ރާއްޖޭގެ ރައްޔިތުން ބައިވެރިވެގެން މުޅި ރާއްޖޭގައި ބާއްވާ އެއްޗަކަށް ވެފައި، އެފަދަ ކަމެއް ވަކީން ކުރާނަމަ ބޮޑެތި ހަރަދުތައް ކުރަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ