ހުޅުމާލޭ ފޭސް އެކެއްގެ، ގުދަނެއްގައި ރޯވި ހާދިސާއާ ގުޅުގެން ތިން އެޕާޓްމަންޓަކުން 25 މީހުންނަށް ވަގުތީ ބޯހިޔާވައިކަން ދޭން ޖެހިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ހުޅުމާލޭ ޗަނބޭލީ، ފަސްވަނަ ގޯޅިތެރޭގައި، ހަ ފަންގިފިލައަށް ހުރި ލޮޓް ނަންބަރ 11154 ގޭގައި ހުރި ގުދަނެއްގައި ރޭ ދަންވަރު ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަަޔަފައިޓަރުން ހަރަކާތްތެރިވެ ވަނީ ނިއްވާލައިފައެވެ.

އެހާދިސާގައި އެ ގުދަނުގައި ހުރި ތަކެއްޗަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެންޑީއެމް އޭއިން ބުނީ، ޗަނބޭލީ ގޯޅީގައި ހަ ފަންގިފިލާއަށް ހަދާފައި ހުރި އިމާރާތެއްގެ ތިރީގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އިމާރާތުގެ ކަރަންޓް ޕެނެލް ހަލާކުވުމުގެ ސަބަބުން މުޅި އިމާރާތުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.

އެހެންކަމުން އެ އިމާރާތުގެ ތިން އެޕާޓްމަންޓަކުން 25 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްްސާފައިވާކަމަށްވެސް ބުންޏެވެ.