މަޝްހޫރު މެސެޖިން އެޕްލިކޭޝަން، ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކާއި ކޮންޓްރޯލްތައް ލިބޭނެ ފަދަ އިހުތިޔާރީ ސަބްސްކްރިޕްޝަން ޕްލޭނެއް އެ ކުންފުނިން ތައްޔާރުކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޓެކްނޮލޮޖީ ހަބަރުތައް ބުނާ ގޮތުގައި، މި އާ ޕްލޭންގެ މައިގަނޑު ބޭނުމަކީ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް އެމީހަކު ބޭނުންވާ ގޮތަށް އެޕްގެ ބައެއް ސިފަތައް ބަދަލުކުރުމުގެ ފުރުސަތު ދިނުމެވެ. އެގޮތުން، ފައިސާ ދައްކައިގެން މި ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ސްޓިކާތަކާއި، އެޕްލިކޭޝަންގެ އާ ތީމްތަކުގެ އިތުރުން ޗެޓްތަކަށް ހާއްސަ ރިންގް ޓޯންތައް ބޭނުންކުރެވޭނެ އެވެ. މީގެ އިތުރުން، މިހާރު އެންމެ ގިނަވެގެން ޕިން ކުރެވޭ ތިން ޗެޓުގެ ބަދަލުގައި، އެއަށްވުރެ ގިނަ ޗެޓްތައް ލިސްޓުގެ އެންމެ މަތީގައި ބެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރިޕޯޓްތައް ބުނާގޮތުން، ވަޓްސްއެޕްގެ އައިކަން ބަދަލުކުރުމުގެ ފީޗާއެއްވެސް މިހާރު އަންނަނީ ޓެސްޓުކުރަމުންނެވެ. މި ހިދުމަތް ތައާރަފުކުރުމުން، ބޭނުންކުރާ ފަރާތްތަކަށް އެކި ފަރުމާތަކުގެ އައިކަންތަކުގެ ތެރެއިން އެމީހަކު ބޭނުންވާ ގޮތަކަށް ފޯނުގެ ސްކްރީނުން ފެންނަ ވަޓްސްއެޕްގެ ސިފަ ބަދަލުކޮށްލެވޭނެއެވެ. މި ހިދުމަތް ބޭނުންވާ ފަރާތްތަކަށް "ވެއިޓްލިސްޓް" އެއްގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ހަބަރުތައް ބުނާއިރު، މީގެ އަގާއި ހިދުމަތް ފަށާނެ ތާރީހެއް އަދި އާންމެއް ނުކުރެއެވެ.

މީގެ އިތުރުން، ޔޫރަޕްގެ ގައުމުތަކާއި އިނގިރޭސިވިލާތަށް ހާއްސަކޮށްގެން، އެއްވެސް އިޝްތިހާރެއް ނުފެންނަ ގޮތަށް "އަޕްޑޭޓްސް" ޓެބް ބޭނުން ކުރެވޭނެ ސަބްސްކްރިޕްޝަނެއްވެސް ތައާރަފުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ޓެކް ހަބަރުތައް ބުނެއެވެ. ނަމަވެސް، ވަޓްސްއެޕުން ބުނެފައިވަނީ މިއީ މަޖުބޫރު ކަމެއް ނޫން ކަމަށާއި، ފައިސާ ނުދައްކާވެސް ކުރިއެކޭ އެއްގޮތަށް އެޕް ބޭނުންކުރެވޭނެ ކަމަށެވެ.

މި އާ ބަދަލުތަކުގެ ހަބަރުތައް ފެންމަތިވެފައި މިވަނީ، ވަޓްސްއެޕްގެ މެސެޖުތަކުގެ ރައްކާތެރިކަމާ މެދު އެމެރިކާގައި ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ބްލޫމްބާގް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވަޓްސްއެޕްގެ މެސެޖުތަކަކީ އެކަކަށްވެސް ނުކިޔޭނެ ފަދައިން ރައްކާތެރިކުރެވިފައިވާ އެންކްރިޕްޓަށް އެއްޗެއް ކަމަށް މެޓާ ކުންފުނިން ބުނި ނަމަވެސް، އެ ކުންފުނީގެ މުވައްޒަފުންނަށް މެސެޖުތައް ބެލޭނެ މަގު އޮންނަ ކަމަށް ބުނެ ކުރީގެ މުވައްޒަފުންތަކެއް ވަނީ ތުހުމަތުކޮށްފައެވެ. މި މައްސަލަ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސް އާއި ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނުން މިހާރު އަންނަނީ ސިއްރިއްޔާތުގައި ތަހުގީގު ކުރަމުން ކަމަށްވެސް ހަބަރުތައް ބުނެއެވެ. މި ތުހުމަތުތަކާ ގުޅިގެން މެޓާ ކުންފުނިން އަދި ރަސްމީކޮށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.