ޖަރުމަނު ލީގުގެ އެއްވަނައިގައި ލީޑު ކުރަމުން އަންނަ ބަޔާން މިއުނިކުން ރޭ ކުޅުނު މެޗުގައި ހެމްބާގާ އެސްވީއާ އެއްވަރުވެއްޖެއެވެ.

ރަށުން ބޭރުގައި ބަޔާނުން ރޭ ހެމްބާގާ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކުވެސް ބަޔާން ތާވަލުގެ އެއްވަނައިގައި އޮތީ ހަމަޖެހިލައިގެންނެވެ. އެއީ 20 މެޗުން 51 ޕޮއިންޓާއެކުގައެވެ. ބަޔާނުން ލީގުގައި ބަލިވީ މިދިޔަ ހަފުތާ ކުޅުނު މެޗުން އެކަންޏެވެ. އަދި މިއީ ޕޮއިންޓް ގެއްލިގެން ދިޔަ ދެވަނަ ފަހަރެވެ.

މެޗު ވަރުގަދަކޮށް ފެށީ ބަޔާނުންނެވެ. ކުރީކޮޅުގައި މައިކަލް އޮލީސޭގެ ދެ ހަމަލާއެއް ފެނިގެން ގޮސްފައިވާ އިރު، ޖޯޝުއާ ކިމިކް ފޮނުވާލި ހަމަލާއެއް ގޯލްގެ ދަނޑިއަށްވެސް ދަނޑިއަށް އަމާޒުވެފައިވެއެވެ. އެ ހަމަލާތަކާއެކުވެސް ފުރަތަމަ ލީޑު ނެގީ ހެމްބާގުންނެވެ. އެއީ ކިމިކް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން އެޓީމު ކާމިޔާބުކުރި ގޯލެކެވެ.

ފަބިއޯ ވިއރާ އެ ގޯލް ޖަހައިދިން އިރު، ހާފު ނިމުމުގެ ކުރިން ހެރީ ކޭން ވަނީ ބަޔާނަށް އެއްވަރު ކޮށްދީފައެވެ.

ދެވަނަ ހާފަށް ބަދަލަަށް ނުކުތް ލުއިސް ޑިއާޒް، ހާފުގެ ފުރަތަމަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިން ނަމަވެސް، 53 ވަނަ މިނެޓުގައި ހެމްބާގުން އަނެއްކާވެސް ގޯލް ޖެހިއެވެ. އެ ގޯލަކީ ލޫކާ ވުސްކޮވިޗް ޖެހި ގޯލެކެވެ.

މެޗު ނިމެން ދަނިކޮށް ހެމްބާގުން ނުރައްކާ ކުރި ނަމަވެސް، ވިއެރާއަށް ލިބުނު ފުރުސަތަށް ހުރަސް އެޅީ އަލްފޮންސޯ ޑޭވިސްއެވެ.