ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫ ސިޓީގެ ގޮނޑިތައް ނެގޭނީ ކެމްޕެއިނުގައި ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގައި ތިނަދޫ ސިޓީއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކުރުމަށް އެ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ، ތިނަދޫގެ ތަރައްގީއަށް ސަރުކާރުން ރާވާފައިވާ ކަންކަން ކުރިއަށްގެންދިއުމަށް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޒަމާނުއްސުރެ، އިދިކޮޅު އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮންނަ ތިނަދޫ ސިޓީއަށް ބޮޑު އިހުމާލެއް ކުރީ ސަރުކާރުންވެފައިވާކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ އެ ސިޓީއަކީ އިގުތިސޯދީ ހަބަކަށްވާން ޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، ތިނަދޫ ސިޓީގެ މައްސަލަތަކަށް ހައްލު ހޯދުމަށް އެ ސިޓީގެ ރައްޔިތުންނަށް ފަހި ފުރުސަތެއް ލިބިފައިވާ ކަމަށާއި އެ މައްސަލަތަކަށް ހައްލު ލިބޭނީ ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށެވެ. މިއީ ސިޔާސީ ވާދަވެރިކަމެއް އުފައްދަންވީ ވަގުތެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
"ކެމްޕެއިނުގައި ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްފިއްޔާ އަޅުގަނޑަށް ޔަގީން އަޅުގަނޑުމެން މިއަދު މިކުރި ދިރާސާގައި ﷲގެ ރަހުމަތްފުޅުން ހުރިހާ ކައުންސިލް މެންބަރުންނާއި ޑަބްލިޔުޑީސީއާއި މޭޔަރާއި ޑަބްލިޔުޑީސީގެ ރައީސާ ﷲގެ ރަހުމަތްފުޅުން މި އިންތިހާބު ކާމިޔާބުކުރާނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން،" ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓަކުވެސް ހޮވުމަށް އެ ޕާޓީގެ ފަރާތުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
އަލީ ޔާމިން
އިބްރާހިމް ފަލާހު
އިބްރާހިމް ފަލާހު