ބަނގުރާ ކައްކަން ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފުވައްމުލަކު ސިޓީން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެ ތަކެތި ހޯދާފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުވައްމުލަކު ސިޓީ ފުލުުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން އިއްޔެ ބުނީ އެ އޮޕަރޭޝަންގައި ފުވައްމުލަކު ސިޓީގެ އެކި ސަރަހައްދުތަކުގެ ވަލުތެރެ ބަލައިފާސްކޮށްފައިވާ ކަމަށާއި އެ އޮޕަރޭޝަންގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކަކާއި، ހަންތަކެއްގެ އިތުރުން ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި ނަމަވެސް އެ މައްސަލަ ތަހުގީގުކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.