މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ "ސްޓްރެޗިން ޕްރޮގްރާމް" އިފުތިތާހުކޮށް, މުވައްޒަފުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް ހާއްސަ ފެއާއެއް ބާއްވައިފިއެވެ.

އެމްއޭސީއެލުން ބުނީ އެ ކުންފުނީގެ "ސްޓްރެޗިން ޕްރޮގްރާމް" ރަސްމީކޮށް އިފުތިތާހުކޮށް, "ސްޓްރެޗް އެންޑް ވެލްނެސް"ގެ ނަމުގައި ހާއްސަ ފެއާއެއް ބޭއްވުމުގެ މަގުސަދަކީ މަސައްކަތުގެ މާހައުލުގައި ހުންނަ ސިއްހީ ނުރައްކާތަކަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ބާރުއެޅުމާއި މަސްތަކާއި ކަށިތަކަށް ލިބޭ އަނިޔާތައް ކުރިއާލާ ދެނެގަނެ, އެކަމުން ރައްކާތެރިވުމުގެ މުހިންމުކަން ކިޔައިދިނުން ކަމަށެވެ.

އެ ފެއާގެ ތެރެއިން އިފުތިތާހުކުރި "ސްޓްރެޗިން ޕްރޮގްރާމް" އަކީ މަސައްކަތުގެ މާހައުލުގައި, ހާއްސަކޮށް އޮޕަރޭޝަނަލް ދާއިރާތަކުގައި, ގަވާއިދުން ކަސްރަތުކުރުމާއި އަނިޔާއިން ރައްކާތެރިވުމުގެ އާދަތައް އަށަގެންނެވުމަށް ފެށި މުހިންމު ޕްރޮގްރާމެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.

30 ޖެނުއަރީ 2026: އެމްއޭސީއެލްގެ މުވައްޒަފުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް ބޭއްވި ފެއާގެ ތެރެއިން --- ފޮޓޯ/ އެމްއޭސީއެލް

އެ ފެއާ ކުރިއަށްގެންދިޔައީ އޭޑީކޭ, ވެލްނެސް ކްލަބް މެނޭޖްޑް ބައި ހީޓް, ރިވައިވް ފިޓްނަސް, ފިޒިއޯ ސޮލިއުޝަންސް, އޭއެމްޑީސީ, ލެގަސީ ފިޓްނަސް, ޝީ, ތަސައްލީ މެޑިކަލް ކެއާ އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެންނެވެ.

އެ ފެއާގެ ތެރެއިން ކޮމްބެޓް ފިޓްނެސް ސެޝަނަކާއި ވޯކިން އެކްސަސައިޒް ދަސްކޮށްދޭ ސްޓޭޖް ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

އޭގެ އިތުރުން ފެއާގައި ބައިވެރިވި ފަރާތްތަކުން ވަނީ ކަށިތަކާއި މަސްތަކުގެ ޓެސްޓުތައް ހިލޭ ހެދުމުގެ ފުރުސަތާއި ހެލްތު ޕެކޭޖުތަކުންނާއި ފިޓްނަސް ޕްރޮގްރާމްތަކުން މުވައްޒަފުންނަށް ޑިސްކައުންޓް ވެސް ދީފައި ކަމަށް އެމްއޭސީއެލުން ބުންޏެެވެ.