ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ އައްޑޫ އަތޮޅާއި، ފުވައްމުލަކާއި، ގއ.އަތޮޅު އަދި ގދ. އަތޮޅު މޯލްޑިވިއަންގެ ދަތުރުތަކުން ގުޅާލައިފިއެވެ.
މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ އާދިއްތަ ދުވަހުގައެވެ.
ދެކުނުގެ ހަތަރު އަތޮޅު މޯލްޑިވިއަންގެ ދަތުރުތަކުން ގުޅާލުން ފެށުމުގެ ގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދުވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި މޯލްޑިވިއަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވިއަންއިން މިމަހުގެ 23 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެއްގޮތްވާ ގޮތުގެ މަތީން، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމަށްޓަކައި އެ އެއާލައިނުން ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް އިތުރަށް ފުޅާކުރަން ނިންމާފައިވާ ކަމަށެވެ.
އޭގެ ބޭނުމަކީ ދެކުނުގެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެއް ރަށުން އަނެއް ރަށަށް ދިއުމުގައާއި، ޒަރޫރީ ބޭނުންތަކަށް ކުރާ ދަތުރުތަކުގައި އިތުބާރު ހުރި، އަވަސް ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށްދިނުން ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.
މޯލްޑިވިއަނުން ބުނެފައިވަނީ އިތުރުކުރެވުނު އެ ހިދުމަތްތަކުގެ ސަބަބުން ގއ، ގދ. އަތޮޅު އަދި ފުވައްމުލަކު ސިޓީގެ މެދުގައި ކުރެވޭ ދަތުރުތައް އިތުރަށް ފަސޭހަވެގެންދާނެ ކަމަށާއި އެއާއެކު، އައްޑޫ ސިޓީގެ ގަން އެއާޕޯޓަކީ ދެކުނުގެ އަތޮޅުތައް ގުޅުވައިދޭ މައި މަރުކަޒެއްގެ ގޮތުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.
"ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް މި ހިދުމަތުގެ ސަބަބުން ވަޒީފާއާއި، ތައުލީމާއި އަދި އަމިއްލަ އެކި ބޭނުންތަކަށް ރަށްރަށުގެ މެދުގައި ކުރާ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ގަން މެދުވެރިކޮށް ސިއްހީ ފަރުވާއަށް ކުރާ ދަތުރުތަކަށް މަގުފަހިވެ، މޫސުމަށް ބަރޯސާވާންޖެހޭ ކަނޑުދަތުރުފަތުރަށް ކުރަންޖެހޭ އިތުރު އިންތިޒާރުތަކަށް ނިމުމެއް އަންނާނެއެވެ..،" މޯލްޑިވިއަނުން ބުނެފައިވެއެވެ.
މޯލްޑިވިއަނުން ބުނެފައިވަނީ އެ ބަދަލާއެކު ދެކުނުގެ ފަތުރުވެރިކަމަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށާއި އެގޮތުން ގަން އެއާޕޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެ ސަރަހައްދުގެ އެކި މަންޒިލުތަކަށް ދިއުމަށް ފަސޭހަވެ، ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހިދުމަތް ދިނުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.
އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް މޯލްޑިވިއަނުން ބޭނުންކުރާނީ ޓްވިން އޮޓާ (Twin Otter) މަރުކާގެ ބޯޓުތަކެވެ. އެ ބޯޓުތައް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ގަން، ފުވައްމުލައް، ކާޑެއްދޫ އަދި ކޫއްޑޫގެ މެދުގައެވެ.
އެ ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު މޯލްޑިވިއަނުން ވަނީ މިމަހުގެ 22 ވަނަ ދުވަހު ހުޅުވާލައިފައެވެ.
މޯލްޑިވިއަނުން ބުނެފައިވަނީ މިއީ ދަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، މުޅި ރާއްޖެއަށް އިތުބާރު ހުރި ވައިގެ ދަތުރުފަތުރުގެ ހިދުމަތެއް ފޯރުކޮށްދިނުމަށް އެ އެއާލައިނުން ކުރަމުންދާ މެދުކެނޑުމެއް ނެތް މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ދަތުރުގެ އަގުތައް:
- ގަން - ފުވައްމުލައް: 500 ރުފިޔާ
- ފުވައްމުލައް - ކާޑެއްދޫ: 650 ރުފިޔާ
- ފުވައްމުލައް - ކޫއްޑޫ: 650 ރުފިޔާ
- ގަން - ކާޑެއްދޫ: 900 ރުފިޔާ
- ގަން - ކޫއްޑޫ: 900 ރުފިޔާ
މުހައްމަދު އިޝާން
މޯލްޑިވިއަން
މޯލްޑިވިއަން
މޯލްޑިވިއަން
މޯލްޑިވިއަން
ކާޑެއްދޫ ކައްދޫ ޓކެޓުއެއްވަރުވީކީއްވެ
އިއްބެ - 5 މަސް ކުރިން