ފެބްރުއަރީ މަހު އޮންނަ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ އޮފްސްގައި ރެއާލް މެޑްރިޑާއި ބެންފިކާވެސް ވާދަކުރަން ޖެހިއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ފޯމެޓް މިހާރު އޮންނަ ގޮތުން، ގަދަ 16 އަށް ސީދާ ލިބެނީ އަށް ޖާގައެވެ. އެއީ ލީގު ބުރުގެ އެއްވަނައިން އަށްވަނައަށް ރޭންކް ކުރެވިފައިވާ ޓީމްތަކަށެވެ. ނުވަ ވަނައިން ފެށިގެން ގޮސް، 24 ވަނަ އަށް ދާ ޓީމުތަކުން ކުޅެން ޖެހޭނީ ދެ ލެގުގެ ޕްލޭ އޮފް މެޗުތަކެކެވެ. އެ ޕްލޭ އޮފް މެޗުތަކުގެ ގުރު ނަގާފައި ވަނީ މިއަދުއެވެ. ފުރަތަމަ ލެގުގެ މެޗު އޮންނާނީ 17 ވަނަ ދުވަހުއެވެ. ދެވަނަ ލެގު އޮންނާނީ 25 ވަނަ ދުވަހުއެވެ.

ރެއާލުން ޕްލޭ އޮފްއަށް ދާން ޖެހުނީވެސް ލީގު ބުރުގެ ފަހު މެޗުގައި ބެންފިކާ ކައިރިން ބަލިވުމުންނެވެ. އެމެޗު ވެގެން ދިޔައީ ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ މެޗަކަށެވެ. 4-2 އިން ބެންފިކާ އެމެޗުން މޮޅުވެ، ޕްލޭ އޮފް ޖާގަ ހޯދީ ފައިދާ ގޯލެއްގެ ފަރަގުންނެވެ. އެމެޗުގައި ބެންފިކާއިން ހަތަރު ވަނަ ގޯލް ޖެހީ އެންމެ ފަހު ސިކުންތުގައެވެ. އެ ގޯލް ޖަހައިދިނީ ބެންފިކާގެ ކީޕަރު އެނަޓޮލީ ޓްރޫބިންއެވެ.

ރެއާލްގެ ކުރީގެ ކޯޗު ޖޯސޭ މޮރީނިއޯ ކޯޗުކަން ކޮށްދެމުންދާ ބެންފިކާއިން އަނެއްކާވެސް ރެއާލާ ވާދަކުރަން ޖެހުނު އިރު، އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީން ޕްލޭ އޮފްގައި ނުކުންނަން ޖެހުނީ މޮނާކޯއާ ދެކޮޅަށެވެ.

ނިއުކާސަލްއިން ގަރަބާގާ ވާދަކުރަން ޖެހުނު އިރު، އެތުލެޓިކޯ މެޑްރިޑް ވާދަކުރަން ޖެހުނީ ކްލަބު ބްރޫޖާއެވެ. ޕްލޭ އޮފްގައި ޑޯޓްމުންޑުން ނުކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ. އޭގެ އިތުރުން ދެން ޕްލޭ އޮފްގައި ވާދަކުރާ ޖަރުމަނުގެ ބަޔާން ލެވަކޫސަންއިން އޮލިމްޕިއާކޯސްއާ ވާދަކުރަން ޖެހުނު އިރު، އިންޓަ މިލާނުން ނުކުންނަން ޖެހުނީ ނޯވޭގެ ބޯޑޯ ގްލިމްޓާ ދެކޮޅަށެވެ. އަދި ޔުވެންޓަސް ވާދަކުރަން ޖެހުނީ ތުރުކީގެ ގަލަޓަސަރާއީއާ ދެކޮޅަށެވެ.