ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން ވިކްޓްރީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ޓީސީން ވިކްޓްރީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ޓީސީން މިއަދު ވިކްޓްރީ ބަލިކުރި އިރު، އެޓީމުން ވަނީ މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް އަތުންވެސް މޮޅުވެފައެވެ. މިއީ މި ސީޒަނުގައި ޓީސީން ޖެހިޖެހިގެން ތިން މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދާ ދެޓީމު ރެލިގޭޓްވާ އިރު، ޓީސީއަކީވެސް ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރާ ޓީމެކެވެ. މިއަދު ކުޅުނު މެޗުން ހޯދި ތިން ޕޮއިންޓާއެކު، އެޓީމު ހަތް ވަނައިގައި އޮތީ 17 މެޗުން 18 ޕޮއިންޓާއެކުގައެވެ. އަށްވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް 16 މެޗުން 11 ޕޮއިންޓް ލިބިފައިވާ އިރު، ނުވަ ވަަނައިގައި އޮތް ވެލެންސިއާ އަށް 16 މެޗުން ލިބިފައި އޮތީ އަށް ޕޮއިންޓެވެ. އަދި، އެންމެ ފުލުގައި 16 މެޗުން ހަތް ޕޮއިންޓާ އެކު އޮތީ ޔުނައިޓެޑް ވިކްޓަރީއެވެ.

މެޗުގައި ފެނުނު ހަމައެކަނި ގޯލް، 68 ވަނަ މިނެޓުގައި ފެނިގެން ދިޔައީ ޕެނަލްޓީއަކުންނެވެ. އޭރިއާ ތެރެއިން ވިކްޓްރީ ކެޕްޓަން އަމްދާން އަލީ (އެންޑީ) ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ކާމިޔާބުކުރީ ޕްރިންސް ބޯޑޫއެވެ.