ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން އޮޑި ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބު އެއްވަރުވުމުން މާޒިޔާއަށް ލީގު ޔަގީންވެއްޖެއެވެ.

މިއަދު ކުޅުނު އޮޑިއަކީ ލީގުގެ ދެވަނައިގައި އޮތް ޓީމެވެ. އޮޑިއާއި ބުރުން މިއަދު ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ލީގު ޗެމްޕިއަންކަން ޔަގީންވީ، ބާކީ ދެމެޗު އޮއްވައެވެ. މާޒިޔާ އިން ޖެހިޖެހިގެން ފަސް ވަނަ ސީޒަނުގައި ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ޓީމުން ލީގު ކާމިޔާބުކުރި ހަވަނަ ފަހަރެވެ. އެންމެ ފުރަތަމަ ލީގު ނެގީ 2016 ވަނަ އަހަރުއެވެ.

ލީގުގެ އެއް ވަަނައިގައި އޮތް މާޒިޔާ އަށް 16 މެޗުން 44 ޕޮއިންޓް ލިބިފައިވާ އިރު، އޮޑިން މިއަދު ބުރުއާ އެއްވަރުވުމުން، 17 މެޗުން ހަމަކުރެވުނީ 39 ޕޮއިންޓެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ބުރުން އަށް ވަަނަ މިނިޓްގައި ލީޑުނެގިއެވެ. އެ ގޯލް ޖެހީ ޝަމްވީލް މުހައްމަދު (ބޮންޑާ) އެވެ. އޭގެފަހުން އޮޑިން އެއްވަރުކުރީ ދެވަނަ ހާފުގައެވެ. އޮޑީގެ އެ ގޯލް ޖެހީ ފޯވާޑް، ކިއާނޫ މާޝް ބްރައުން އެވެ. އެ ގޯލްކީ މުޒްދާން ހަސަން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މިއަދު ލިބުނު ޕޮއިންޓާއެކު ބުރުން ލީގުގެ ހަތަރު ވަނައިގައި އޮތީ 37 މެޗުން 29 ޕޮއިންޓާ އެކުގައެެވެ.