އަވަހަށް ޑީލު ހެދުމަށް ގޮވާލައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާނަށް އިންޒާރު ދެއްވައިފިއެެވެ.

އެމެރިކާއިން އިރާނަށް ހަމަލާދިނުމަށް އަރަބި ކަނޑަށް އެމެރިކާގެ ބޮޑު މަނަވަރު ދަތުރުކުރަމުން އަންނަ އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަގުތު ނެތް ކަމަށާއި އިރާނަށް އޮތީ ނިއުކްލިއާ މައްސަލައިގައި އެމެރިކާއާ އެކު ޑީލު ހެދުން ކަމަށް ވިދާޅުވެފައެވެ.

ރައީސް ޓްރަމްޕް ވަނީ އެމެރިކާގެ އެއާކްރާފްޓް ކެރިއާ ބާރު ސްޕީޑެއްގައި ދަތުރުކުރަމުން އަންނަ ކަމަށާއި އެމަނަވަރު އިރާނަށް މިސްރާބު ޖަހާފައިވާ އިރު، އޭގައި އެމެރިކާގެ ނޭވަލް ފޯސް ދަތުރުކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައެވެ.

އެމެރިކާގެ އިންޒާރަށް ރައްދުދެމުން އިރާނުގެ އދ. މިޝަން އިން ވަނީ އިރާނުން އަބަދުވެސް ތިބޭނީ ދެފަރާތުން އެއްބަސްވާނެ ގޮތަކަށް ކަންކަން ކުރިޔަށް ގެންދިއުމަށް ކަމަށާއި ހަމަލާއެއް ދީފި ނަމަ މީގެ ކުރިން ބަދަލުގައި ދީފައިވާ ހަމަލާތަކަށްވުރެ ވަރުގަދަ ހަމަލާތަކެއް ބަދަލުގައި ދޭނެ ކަމަށް ބުނެފައެވެ.

އިރާނުން ވަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ރައްކާތެރި އަދި އަމާން ޕްރޮގްރާމެއް ކަމަށާއި އެމެރިކާއިން ކުރަމުން އަންނަ ތުހުމަތުތައް ކަމަށްވާ ނިއުކްލިއާ ހަތިޔާރު އުފެއްދުން އެއީ ދޮގުތުހުމަތުތަކެއް ކަމަށް ބުނެފައެވެ.