ޓެކްސީ ސެންޓަރުތައް ރަޖިސްޓަރީކުރަން ލުއިތަކެއްދީ، ޓެކްސީ ކުރުމުގެ ގަވާއިދަށް ސަރުކާރުން އަނެއްކާވެސް އިސްލާހުތަކެއް ގެނެސްފިއެވެ.

ޓެކްސީ ކުރުމުގެ ގަވާއިދަށް އިސްލާހުތަކެއް ގެނެސް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މި އިސްލާހުތަކާއެކު ޑްރައިވަރުންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މަގުފަހިވާނެއެވެ. އަދި ހިދުމަތަށް އެންމެ ބާރުބޮޑުވާ ވަގުތުތަކުގައި ޑިމާންޑާ އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަށް ސެންޓަރުތަކަށް އިތުރު ފަސޭހައަކަށް ވެގެންދާނެއެވެ.

ޓެކްސީ ގަވާއިދަށް ގެނައި މައިގަނޑު ބަދަލުތައް:

  • ޓެކްސީ ސެންޓަރެއް ރަޖިސްޓްރީ ކުރުމަށްޓަކައި ބޭނުންވާ އުޅަނދާއި ޑްރައިވަރުންގެ އެންމެ މަދު އަދަދު 100 އިން 50 އަށް މަދުކުރުން
  • މީގެ ސަބަބުން އާ ސެންޓަރުތައް އުފެދުމަށް ހުރި ހުރަސްތައް ނެތިގޮސް، ގިނަ ބަޔަކަށް މި ދާއިރާއަށް ވަނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް. އަދި މީގެ ނަތީޖާއެއްގެ ގޮތުން މާކެޓުގައި ވާދަވެރިކަން އުފެދި، އާންމުންނަށް ލިބޭ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ
  • ލައިސަންސް އޮންނަ ޓެކްސީ ޑްރައިވަރުންނަށް އެއް ވަގުތެއްގައި ދެ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީވެގެން މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ. މި ބަދަލުގެ ސަބަބުން ޑްރައިވަރުންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މަގުފަހިވާނެ
  • ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މޮބައިލް އެޕްލިކޭޝަން ނުވަތަ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ޓެކްސީ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯދަންޖެހޭނެ.
  • މިގޮތަށް ހުއްދަ ހޯދައިގެން ޑިޖިޓަލް ހިދުމަތް ދިނުމަކީ ހިދުމަތްދޭ ފަރާތްތައް ޖަވާބުދާރީކުރުވުމަށް ލިބޭ ބާރެއް ކަމަށް
  • ކުންފުންޏަކުން ދަތުރުފަތުރުގެ ހިދުމަތް ދޭނަމަ، އެކަމަކީ އެ ފަރާތެއްގެ މެންޑޭޓުގައި ހިމެނޭ ކަމެއްކަން ކަށަވަރުކުރަންޖެހޭނެ.
  • އަދި އެފަދަ ފަރާތްތަކުންވެސް ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީކޮށް ހުއްދަ ހޯދުން ލާޒިމުވާނެ

"މި ހުރިހާ ބަދަލުތަކެއްގެ މައިގަނޑު އަމާޒަކީ ފަސިންޖަރުންނާއި ހިދުމަތްދޭ ފަރާތްތަކަށްވެސް މަންފާކުރާނެ، އިތުބާރު ހުރި އަދި ޒަމާނީ ޓެކްސީގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ." މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރުން ޓެކްސީ ހިދުމަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެ ހިދުމަތް ކުރިއަށް އޮތް ފެބްރުއަރީ މަހު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ ޓެކްސީ ލައިން ފަށަން ނިންމާފައިވަނީ 150 ކާރާއެކު ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.