ބަންގްލަދޭޝްގައި ކުރިއަށްެއޮތް ފެބްރުއަރީ މަހުގެ ބާރަވަނަ ދުވަހު އާއްމު އިންތިޚާބުގެ ވޯޓުލުން އޮންނާނެއެވެ. މި އިންތިޚާބުގައި ކުރީގެ ބޮޑުވަޒީރު ޝައިޚު ހަސީނާގެ އަވާމީ ލީގު ޕާޓީގެ ބައިވެރިވުމެއް ނޯންނާނެއެވެ. ހުސްވި 2025 ވަނަ އަހަރުގެ މެއި މަހު ބަންގްލަދޭޝްގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އަވާމީ ލީގުގެ ރަޖިސްޓަރީ ސަސްޕެންޑު ކޮށްފައެވެ. އެހެންވީމާ ހަސީނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެއެވެ. ހަސީނާޔާއި އަވާމީ ލީގުގެ ބައިވެރިވުމެއްނެތި ބާއްވާ މި އިންތިޚާބުގައި ކުރިހޯދާނޭ ކަމަށް ބެލެވެނީ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ދަރިކަލުން ތާރިގު ރަހުމާންގެ ބީއެންޕީ ނުވަތަ ޖަމާއަތު އިސްލާމީ ޕާޓީ އިސްވެ އޮވެގެން އުފައްދާފައިވާ ކޯލިޝަނެވެ. ޖަމާއަތު އިސްލާމީއަކީ 170 މިލިޔަން މުސްލިމުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ އެންމެ ބޮޑު ދީނީ ޕާޓީއެވެ. މީގެތެރެއިން ކޮންމެ ބަޔަކު ކުރިހޯދިޔަސް އެއީ އަވައްޓެރި އިންޑިޔާއަށް ބިރެކެވެ. ނުރުހޭނޭ ކަމެކެވެ.
އިންތިޚާބު ކައިރިވަމުން އަންނަވަރަކަށް ނުފޫޒު ފޯރުވުމުގެ އެކި ކަންކަން އިންޑިޔާގެ ފަރާތުން އެބަފެނެއެވެ. އޭގެތެރެއިން އެއްކަމަކީ އިންޑިޔާގައި މިހާރު ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚު ހަސީނާއަށް ސިޔާސީ އެކި ކަންކަމުގައި މަޝްއޫލުވުމުގެ ފުރުސަތު ހުޅުވައިލުމެވެ. ބަންގްލަދޭޝްގެ ރައްޔިތުންނާ މުޚާތަބުކޮށް އޮންލައިންކޮށް ތަގުރީރު ކުރެއްވުން ކަހަލަ ކަންކަމަށް މަގުފަހިކޮށްދިނުމެވެ. މިއީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ހަސީނާ އިންޑިޔާއަށް ވަޑައިގެންނެވި ފަހުން އިންޑިޔާއިން ހުއްދަނުކުރާ ކަމެކެވެ. މިދިޔަ ހުކުރު ދުވަހު ދިއްލީގެ ފޮރިން ކަރެސްޕޮންޑެންސް ކުލަބުގައި ހަސީނާ ކުރެއްވި ތަގުރީރުގެ އޯޑިއޯ ބަންގްލަދޭޝްގެ އެތައް ލައްކަ ބަޔަކު އަޑުއަހާފައިވެއެވެ. ހަސީނާ ވަނީ ބަންގްލަދޭޝްގެ މިހާރުގެ ވަގުތީ ވެރިޔާ ޑރ. މުހައްމަދު ޔޫނުސަކީ ގާތިލެެއް ކަމަށް ސިފަ ކުރައްވައިފައެވެ. އޭނާގެ ބެލުމުގެ ދަށުން އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނޭ ކަމަށްވެސް ވަނީ ތުހުމަތު ކުރައްވައިފައެވެ.
ރައްޔިތުން ނުކުމެ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރު ވައްޓައިލުމަށާއި އިންތިޚާބުވެސް ބޮއިކޮޓްކޮށް ގައުމު ހަލަބޮލިކޮށްލުމަށް ހަސީނާ އިލްތިމާސް ކުރެއްވިއިރު އެކަމަނާއަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބަންގްލަދޭޝްގެ ކޯޓަކުން މަރުގެ ހުކުމް އިއްވާފައިވާ ބޭފުޅެކެވެ. އެއީ 2024 ވަނަ އަހަރުގެ ހަމަނުޖެހުންތަކުގައި އާއްމު ރައްޔިތުންގެ ގަޔަށް ބަޑިޖަހައި މެރުމަށް އެކަމަނާ އަމުރު ކުރައްވައި އެތައް ބަޔަކު މަރާފައިވާތީއެވެ. މި ހުކުމާ ގުޅިގެން ލަސްނުކޮށް ހަސީނާ ބަންގްލަދޭޝްއާ ހަވާލު ކުރުމަށް ބަންގާޅުގެ ސަރުކާރުން އިންޑިޔާގައި އެދިފައިވެއެވެ. ތަކުރާރުކޮށް އެކަމަަށް އިލްތިމާސްކޮށްފައިވެއެވެ. އެކަން ނުކޮށް އިންޑިޔާއިން މިކުރިކަމަކީ ބަންގްލަދޭޝް ހަލަބޮލިކޮށް ސަރުކާރު ވައްޓައިލުމާއި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދިނުމުގެ ތަގުރީރު ކުރައްވަން ހަސީނާއަށް ހުއްދަ ދިނުމެވެ. މިއީ ބަންގްލަދޭޝްއަށް ހަޖަމު ކުރެވޭނޭ ކަމެއް ނޫނެވެ. އަދި ހަޖަމު ކުރެވުނު ކަމެއްވެސް ނޫނެވެ. ވަރަށް ވަރުގަދަ ރައްދެއް ބަންގާޅުގެ ސަރުކާރުން ވަނީ ދީފައެވެ.
ބަންގްލަދޭޝްއިން ތުހުމަތުކުރާ ގޮތުގައި އިންޑިޔާ އެދަނީ ބަންގްލަދޭޝްގެ އިންތިޚާބަށް ނުފޫޒު ފޯރުވަމުންނެވެ. ހަސީނާ މެދުވެރިކޮށް އެކުރާ މަސައްކަތަކީ ބަންގްލަދޭޝް ހަމަނުޖެހުންތަކެއްގެ ތެރެއަށް ވައްޓައިލުމުގެ މަސައްކަތެވެ. މި މަސައްކަތް ހުއްޓާލައި އަވަސްގޮތަކުން ހަސީނާ ބަންގްލަދޭޝްއަށް ނުފޮނުވައިފިނަމަ ދެގައުމުގެ ގުޅުން ހީނަރުވާނޭކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ. ބަންގްލަދޭޝްގެ އިލްތިމާސަކަށް އިންޑިޔާގެ އަޅާލުމެއް ފިކުރެެއް ނެތެވެ. ފެންނަނީ އެކިގޮތްގޮތުން ފިއްތުމުގެ އަމަލު ތަކެވެ. ހަމައެކަނި ސިޔާސީގޮތުންނާއި އިގްތިސާދީ ގޮތަކުން ނޫނެވެ. ކުޅިވަރުގެ ދާއިރާއިންވެސް އެ މަންޒަރު އެބަފެނެއެވެ. އަންނަ ފެބްރުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ޓީޓުވެންޓީ ކުރިކެޓް ވޯލްޑް ކަޕުން ބަންގްލަދޭޝް ބޭރުކުރި ކުރުމަކީ މިގޮތުން އެޅި ފިޔަވަޅެކެވެ. އެ ފިޔަވަޅު އެޅީ އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް، އައިސީސީންނެވެ. އެކަމަކު މި ނިންމުމުގެ ފަހަތުގައި އޮތީ އިންޑިޔާކަން އެންމެނަށްވެސް ވަރަށް ސާފެވެ.
ޓީޓުވެންޓީ ވޯލްޑްކަޕުގައި މިފަހަރު ކުޅޭނީ ޖުމްލަ ވިހި ގައުމެވެ. މި ގައުމުތައް ބަހާލާފައިވަނީ ހަތަރު ގްރޫޕަކަށެވެ. ކޮންމެ ގްރޫޕެއްގައިވެސް ފަސް ގައުމެވެ. ޓީމެވެ. މުބާރާތް ކުރިއަށްދާނީ ފެބްރުއަރީ ހަތަކުން މާޗް އަށަކަށެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ ދެ ގައުމެއްގައެވެ. އިންޑިޔާއާއި ސްރީލަންކާގައެވެ. ޖުމްލަ 55 މެޗުގެ ތެރެއިން ގިނަ މެޗުތައް ކުޅޭނީ އިންޑިޔާގައެވެ. އޭގެތެރޭގައި މުބާރާތް ހުޅުވާ މެޗާއި ފައިނަލް މެޗުވެސް ހިމެނެއެވެ. ބަންގްލަދޭޝް ހިމެނުނީ ގްރޫޕް ސީގައެވެ. އެ ގްރޫޕުގެ ހުރިހާ މެޗެއްވެސް ކުޅޭނީ އިންޑިޔާގައެވެ. ކަލްކަތާއާއި ބޮމްބޭގައެވެ. ބަންގްލަދޭޝްއިން އެދުނީ ސަލާމަތީ ސަބަބުތަކަށްޓަކައި ބަންގްލަދޭޝްގެ މެޗުތައް އިންޑިޔާގެ ބަދަލުގައި ސްރީލަންކާއަށް ބަދަލުކޮށް ދިނުމަށެވެ. ބަންގްލަދޭޝްގެ އެދުމާމެދު ނުވެސް ވިސްނައި އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް، އައިސީސީން ކުރިކަމަކީ މުބާރާތުން ބަންގްލަދޭޝް ބޭރުކޮށްފައި އެ ޖާގަ ސްކޮޓްލެންޑަށް ދިނީއެވެ.
އައިސީސީއަކީ ދުނިޔޭގެ ކުރިކެޓްގެ މައި އިދާރާއެވެ. މިއިދާރާގެ ކޮންޓްރޯލް އޮންނަނީ އިންޑިޔާއަށެވެ. އައިސީސީގެ ޗެއަރމަނަކީވެސް އިންޑިޔާ މީހެކެވެ. ކޮންމެއަކަސް އައިސީސީގެ މި ނިންމުމާ ގުޅިގެން ޓީޓުވެންޓީ ވޯލްޑްކަޕަށް ވަރަށް ބޮޑު ޒަލްޒަލާއެއް ވަނީ އައިސްފައެވެ. ބަންގްލަދޭޝްއަށް ތާއީދު ކުރުމުގެ ގޮތުން ޕާކިސްތާނުން މުބާރާތް ބޮއިކޮޓް ކުރުމުގެ ފުރުސަތު އެބައޮތެވެ. މުޅި މުބާރާތްވެސް ބޮއިކޮޓް ކޮށްފާނެއެވެ. ނުވަތަ އިންޑިޔާގައި ކުޅެންޖެހޭ މެޗުތަކާއި އިންޑިޔާއާއެކު ކުޅެންޖެހޭ މެޗުތައް އެކަނިވެސް ބޮއިކޮޓް ކޮށްފާނެއެވެ. ޕާކިސްތާނު ހިމެނެނީ އިންޑިޔާއާއެކު ގްރޫޕް އޭގައެވެ. ސަލާމަތީ ސަބަބުތައް މެދުވެރިކޮށްފައި މެޗުތައް ސްރީލަންކާއަށް ބަދަލުކޮށްދިނުމަށް ބަންގްލަދޭޝްއިން އެދުނީ މީގެކުރިން އިންޑިޔާއިން ހަމަ މިގޮތަށް އަމަލުކޮށްފައިވާތީ ރައްދެއްގެ ގޮތުންނެވެ. ބަންގްލަދޭޝްއާއި ޕާކިސްތާނުގައި މެޗުތަކެއް ކުޅެން ޖެހިއްޖެނަމަ ސަލާމަތީ ސަބަބުތަކޭ ބުނެފައި އިންޑިޔާ ދިޔައީ އެ ދެގައުމަށް ދަތުރު ކުރުމަށް ދެކޮޅު ހަދަމުންނެވެ.
އިމާދު ލަތީފު
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ