ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެންޑީއެފް އިން ކުރަމުންދާ މަސައްކަތްތަކަށާއި ކަނޑުއަޑީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ކަނޑުއަޑީގައި ބޭނުންކުރާ ހާއްސަ އިކްއިޕްމަންޓްތަކެއް ހަދިޔާކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނީ އެކަމަށްޓަކައި ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ތަކެތި ރަސްމީކޮށް އެމްއެންޑީއެފަށް ހަވާލުކޮށްދެއްވީ އުރީދޫގެ ޑައިރެކްޓަރު އަދި ސީއީއޯ، ހާލިދު އަލް ހަމާދީއެވެ.

އެމްއެންޑީއެފްގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫންއެވެ.

އުރީދޫއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ؛ އެއް އޯޝަން ރީފް އެމް 105 ޑިޖިޓަލް ޑުއަލް ޗެނަލް ކޮމިއުނިކޭޝަން އިކުއިޕްމަންޓް، އެއް ލޫބެލް ލެބް އަންޑާ ވޯޓާ ލައުޑްސްޕީކަރު، ތިން އޯޝަން ރީފް ފުލް ފޭސް އަދި ފޭސް ދޭއް ޑައިވިން މާސްކެވެ.

އެ އިކްއިޕްމެންޓް ތަކަކީ ކަނޑުއަޑީގައި މުއާމަލާތްކުރުމަށާއި ޑައިވަރުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން އޮޕަރޭޝަންތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ފަރުމާކޮށްފައިވާ ތަކެއްޗެވެ. އޭގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ސަލާމަތީ އަދި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.