އޮޕަރޭޝަން އަލިމަގުގެ ދަށުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި މިދިޔަ ހޯމަ ދުވަހު 26 ވަނަ ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ ހމ. ސިފްކޯހިޔާ 0801 ބީ / މާލެ، އިބްރާހީމް އަމްރު ތައުފީގު (22އ) ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 500 ގްރާމް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.