ސާފުން ފުރަތަމަ ފަހަރަށް ބޭއްވި ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށްޓާއެކު ދިވެހި ގައުމީ ފުޓްސަލް ޓީމު މިރޭ ރާއްޖެ އަތުވެއްޖެއެވެ.

ގައުމީ ޓީމުން މިފަހަރުގެ ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ކުޅުނު ހަ މެޗުންވެސް މޮޅުވެގެންނެވެ. ލީގު އުސޫލުން ޗެމްޕިއަން ކަނޑައަޅާފައިވާ އިރު، ރާއްޖެއާ ވާދަކޮށްލެވުނު ޓީމެއްވެސް މުބާރާތުގައި ފެނިގެން ގޮސްފައެއް ނުވެއެވެ.

ފުރަތަމަ މެޗުގައި ރާއްޖޭން ޕާކިސްތާން އަތުން 7-1 އިން މޮޅުވެ ރާއްޖެ ފެށީ ވަރުގަދަ ކޮށެވެ. ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އިރު، ތިން ވަނަ މެޗުގައި، 5-0 އިން ވާދަވެރި އިންޑިއާ ބަލިކޮށް، ރާއްޖެ ތަފާތު ދެއްކިއެވެ. އޭގެފަހުން ރާއްޖޭން ދެން ކުޅުނީ ބޫޓާނާއި ނޭޕާލް އަދި ސްރީ ލަންކާއާ ދެކޮޅަށެވެ. އެ ޓީމުތަކުން ރާއްޖެއާ ދެކޮޅަށް ނުކުތީ ޑިފެންސިވް ކުޅުމެއްގައެވެ. އެހެން ނަމަވެސް އެ ތިން މެޗުވެސް ރާއްޖޭން ކާމިޔާބުކުރީ ޔަގީންކަމާއެކުގައެވެ. ނޭޕާލް އަތުން 2-1 އިން މޮޅުވި އިރު، ރާއްޖޭން ބޫޓާން ބަލިކުރީ 3-1 އިންނެވެ. އަދި ލަންކާ ބަލިކުރީ 5-2 އިންނެވެ.

އެ ތާރީހީ، ފަހުރުވެރި ކާމިޔާބީއާއެކު ޓީމަށް މަރުހަބާ ކިޔުމުގެ ހަރަކާތެއް މިރޭ ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. ޓީމު ރާއްޖެ އައުމާއެކު ވީއައިޕީން ހާއްސަ މަރުހަބާއެއް ކިޔާފައިވެއެވެ. އާއިލާތަކާއެކު ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ އިތުރުން މަރުހަބާ ކިޔުމުގައި އެފްއޭއެމްގެ އިސްވެރިންނާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

އެއާޕޯޓުން ޓީމު މާލެ އައިސް، މަޖީދީ މަގުން އާޓިފިޝަލް ބީޗަށް ގޮސްފައިވާ އިރު، ގިނަ އަދަދެއްގެ ސަޕޯޓަރުން ޓީމަށް މަރުހަބާ ކިޔާފައިވެއެވެ. ސަޕޯޓަރުންނާއެކު ޓީމުން ވަނީ ފޮޓޯ ނެގުމުގެ ހާއްސަ ވަގުތުތަކެއް ހޭދަކޮށްފައެވެ.