ގައުމީީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހިންގާ އެފޯޑަބަލް ހައުސިންގެ ފަސް މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫއުތަކުގެ މަސައްކަތްތައް ފަށަން މިއަދު ވަނީ ހުޅުމާލޭގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުތައް ހިންގާނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވާނަންސް އަދި ރިސްކް ސްޓޭންޑާޑްތަކާ އެއްގޮތަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށްފަހު ހޮވި ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.

ބީއެމްއެލުން ފްލެޓްތައް އަޅަން 5 ހައުސިން މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެެރެއިން. -- (ފޮޓޯ/ ބީއެމްއެލް)

މި މަސައްކަތް ހަވާލުކޮށްފައިވާ ރާއްޖޭގެ ކުންފުނިތަކަކީ؛

  • އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

މި މަސައްކަތް ކުރަމުންދާ ރާއްޖޭން ބޭރުގެ ކުންފުނިތަކަކީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަނެވެ.

މި މަޝްރޫއުތައް ނިމުމުން ހުޅުމާލޭ ފޭސް އެކެއް، ފޭސް ތިނެއް އަދި ވިލިމާލޭގައި 3،200 އަށްވުރެ ގިނަ ހައުސިން ޔުނިޓް، ކުލި ދައްކައި ހަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރާނެއެވެ.