އަހްމަދިއްޔާ ސްކޫލަކީ މާނަފުން ތާރީހަކާއި ފަހްރުވެރި އެތައް ކާމިޔާބީތަކެއް ހޯދާފައިވާ، އަދި ޒިންމާދާރު އެތައް ދަރީންނެއް ބިނާކޮށްފައިވާ ސްކޫލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި ވަނީ، ސްކޫލު އުފެދިގެން މިއަދާ ހަމައަށް ދެމިއޮތުމުގައި ޖަމާއަތުގެ ގުޅުމާއި ބެލެނިވެރިންގެ އެއްބައިވަންތަކަމާއި އެކަކުއަނެކަކަށް އޮތް ހެޔޮއެދުމުގެ ރޫހުގެ މުހިންމުކަން ފާހަގަ ކުރައްވައިފައެވެ. އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ، ދިވެހި ތައުލީމީ ދާއިރާގައި ވަޅުލެވުނު ކުޑަ އޮށަކުން ހެދިބޮޑުވެ، ގައުމަށް އިލްމީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ސްކޫލެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާގެ ތައުލީމީ ހަޔާތްޕުޅުގައިވެސް އަހްމަދިއްޔާގެ އިލްމީ ހިޔާވަހިކަން ލިބިވަޑައިގެންފައިވާތީ އެކަން ފާހަގަކުރައްވައި، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ފުރުސަތު ދެއްވީތީ ސްކޫލުގެ ޕްރިންސިޕަލާއި ހުރިހާ މަސްއޫލުވެރިންނަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.
ތައުލީމް ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިއުމަތެއްކަން ފާހަގަކުރައްވައި، އެކަމަނާ ވަނީ އެކަމުގައި ބޮޑު ޒިންމާއެއްވެސް އޮންނަކަން ދަރިވަރުންނަށް ހަނދާންކޮށްދެއްވައިފައެވެ. އަދި އުނގެނުމުގެ ދަތުރަކީ ނިމޭނެ ދަތުރެއް ނޫން ކަމަށާއި ދުރަށް ދިޔަވަރަކަށް އެ ދަތުރުގެ ނިމުމެއް ނެތްކަން ފެންނާނެކަން ފާހަގަކުރައްވައި އެކަމަށްޓަކައި ދަރިވަރުން ވިސްނަންޖެހޭ ބައެއް ކަންކަން އެކަމަނާގެ ވާހަކަފުޅުގައި ހަނދާންކޮށްދެއްވިއެވެ.
އެގޮތުން ދިވެހި ގައުމަށް ފާރަވެރިވެ، އަހުލާގު ރަނގަޅު، މަސައްކަތްތެރި، ހީވާގި އަދި ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމް ދިވެއްސަކަށް ވުމަށް އެކަމަނާ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. ދިރިއުޅުމުގައި ގަދަރާއި އިއްޒަތް ލިބި، މަތިވެރި އަހުލާގާއި ހެޔޮވިސްނުންތެރިކަމާ އެކު ލިބިފައިވާ އިލްމު ވެގެންދާނީ އިންސާނިއްޔަތަށް އޮތް ހިޔާވައްސަކަށްކަން އެކަމަނާ ދަރިވަރުންނަށް ހަނދާންކޮށްދެއްވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި މުސްލިމު ދިވެއްސެއްގެ ގޮތުގައި ދަރިވަރުން ބިނާކުރެވޭކަން ކަށަވަރުކުރެއްވުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އެކަން ކަށަވަރު ކުރެވޭނީ ގޭތެރެއިން ފެންނަ ނަމޫނާތަކާއި އަމަލުކުރެވެމުންދާ ހެޔޮލަފާ، ރީތި ގޮތްތަކުން ކަމަށްވާތީ، ގޭތެރެއިންނާއި ވެށީގެ ތެރެއިންވެސް އެކަން ކަށަވަރުކޮށްދެއްވުމަށް އެކަމަނާ ބެލެނިވެރިންނާއި މުދައްރިސުންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.
މިއަދުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި "ބްރިލިއަންސް ޓީޗަރު" އަދި "ބެސްޓް އޯވަރޯލް ޓީޗަރު" އިނާމު ލިބިވަޑައިގެންނެވި ޓީޗަރުންނަށް އިނާމު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާއެވެ.
މީގެ އިތުރުން ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން ގައުމީ ގަދަ ދިހައެއްގެ އެއްވަނައަށް ހޮވުނު ދަރިވަރާއި ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން އެކިވަނަ ހޯދި ތިން ދަރިވަރުންނާއި ''ބެސްޓް އޯލްރައުންޑް'' ހާސިލްކުރި ތިން ދަރިވަރުންނަށް ވެސް އެކަމަނާ އިނާމު ވާލުކޮށްދެއްވިއެވެ.
އިބްރާހިމް ޒަކީ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް