ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން ކުޅުނު ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ސީއެޗްއެސްއީ މާލޭން ހޯދައިފިއެވެ.
ޑައިމަންޑް ޖުބިލީ މުބަރާތުގައި ވާދަކުރަނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ، ހުޅުމާލެ) އާއި ސީއެޗްއެސްއީ މާލޭގެ އިތުރުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ.
މުބާރާތުގެ ފައިނަލް ކުޅެފައިވަނީ އިއްޔެ ހަވީރުއެވެ. ބައްދަލުކުރީ އަހުމަދިއްޔާއާއި ސީއެޗްއެސްއީ މާލެއެވެ. އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ކައިރިން ސީއެޗްއެސްއީ މާލޭން ކުރިހޯދީ 1-4 އިންނެވެ.
ފައިނަލް މެޗުގެ ގޯލްތައް ފެނުނީ ދެވަނަ ހާފުގައެވެ. މެޗުގައި ސީއެޗްއެސްއީ މާލެއަށް ލީޑު ނަގައިދިނީ އަހުމަދު މިކްޔާލް (މިކީ) އެވެ. އެއީ ޕެނަލްޓީއަކުންނެވެ. އަހުމަދިއްޔާއިން ނަތީޖާ ހަމަހަމަކުރީވެސް ޕެނަލްޓީ އަކުންނެވެ.އެ ގޯލް ޖެހީ އަލީ އަލާންއެވެ.
ސީއެޗްއެސްއީ މާލޭން ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ އިސްމާއިލް ޝާމިލެވެ. އޭގެފަހުން މުހައްމަދު ޝާއިމް އިބްރާހިމް ފާއިޒް ޖެހި ގޯލުން ސީއެޗްއެސްއީ މާލޭން ލީޑުފުޅާކުރި އިރު، މެޗުގެ ފަހު ގޯލް ޖެހީ މޮޅު ކުޅުންތެރިޔާ މިކީއެވެ. އޭނާ އަކީ 19 އަހަރުން ދަށުގެ ޓީމާއި އޮޑި ސްޕޯޓްސް ކްލަބްގެވެސް ކުޅޭ ކުޅުންތެރިއެކެވެ.
ހަތަރު ޓީމު ވާދަކުރި މުބާރާތުގެ ފެއާޕްލޭ ޓީމަކީވެސް ސީއެޗްއެސްއީ މާލެއެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު މިކީއަށް ލިބުނު އިރު، އެންމެ މޮޅު ކުޅުންތެރިއަކީ ސީއެޗްއެސްއީ މާލޭގެ ނާޝިއު އަހުމަދެވެ.
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ