ކެރިއަރ ސްޓްރައިކް ގްރޫޕް، ސީއެސްޖީއަކީ ކޮބައިހެއްޔެވެ. އެއީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފޯމޭޝަނެކެވެ. ނުވަތަ އަރުމާދެކެވެ. މިދެންނެވި ފޯމޭޝަނުގެ އިސް އުޅަނދަކީ މަތިންދާބޯޓު އުފުލާ ކޮންމެވެސް މަނަވަރެކެވެ. ނިއުކުލިއަރ ހަކަތައިން ދުއްވާ މަނަވަރެކެވެ. ދެން ތިބޭނީ އެޔާއެކު ދަތުރުކުރާ އެހެނިހެން މަނަވަރުތަކާއި ސަބްމެރިންތަކެވެ. މަތިންދާބޯޓު އުފުލާ މަނަވަރުގައި މަދުވެގެން 70 ބޯޓު ހުންނާނެއެވެ. އެކީގައި ދަތުރުކުރާނީ މަދުވެގެން އެއް ކްރޫޒަރާއި ތިން ހަތަރު ޑިސްޓްރޯޔަރެވެ. ދެން މަދުވެގެން ދެތިން ސަބްމެރީނެވެ. ހައްތާވެސް ނިއުކުލިއަރ ހަކަތައިން ދުއްވާ ސަބްމެރީނެވެ. މުޅި ގްރޫޕުގައި މަދުވެގެން ހަތްހާސް ފަސްސަތޭކަ ސިފައިން ތިބޭނެއެވެ. ކްރޫޒަރަކީ ބާރު ދުވެއްޔެެއް ލިބިގެންވާ ބޮޑެތި މަނަވަރެވެ. ޑިސްޓްރޯޔަރަކީ ކްރޫޒަރަށްވުރެ ކުދި މަނަވަރެވެ. މިއިން ކޮންމެ ގްރޫޕެއް ނުވަތަ އަރުމާދަކީ އާދައިގެ ގައުމެއް ކުޑަކަކޫ މައްޗަށް ތިރިކޮށްލެވޭހައި ބާރު ލިބިގެންވާ ގްރޫޕެކެވެ.

މިދެންނެވި ގްރޫޕްތަކުގެ ތެރެއިން ގްރޫޕެއް އީރާނުގެ އައްސޭރިއާ ދިމާލަށް މިހާރު ދަނީ ދަތުރު ކުރަމުންނެވެ. މި ގްރޫޕުގެ އިސް މަނަވަރަކީ ޔޫއެސްއެސް އެބްރަހަމް ލިންކަން އެވެ. މިއީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފްލީޓުގައި ހިމެނޭ މަތިންދާބޯޓު އުފުލާ ޖުމްލަ އެގާރަ މަނަވަރުގެ ތެރެއިން މަނަވަރެކެވެ. މިއީ ނިމިޒް ކްލާސް ކެރިއަރެކެވެ. ނިމިޒް ކްލާހޭ ކިޔަނީ އެއްލައްކަ ޓަނަށްވުރެ ކުދިނޫން ކެރިއަރަށެވެ. އެމެރިކާގެ އެގާރަ ކެރިއަރުގެ ތެރެއިން ދިހަ ކެރިއަރު ނިސްބަތްވަނީ މި ގިންތިއަށެވެ. ކޮންމެއަކަސް އެމެރިކާގެ އެބްރަހަމް ލިންކަން ކެރިއަރ ސްޓްރައިކް ގްރޫޕު އީރާނުގެ އައްސޭރިޔަށް އެދަނީ އީރާނަށް ބިރު ދެއްކުމަށެވެ. ނުވަތަ ހަމަލަ ދިނުމަށެވެ. މިހިސާބުން އުފެދެނީ ސުވާލެކެވެ. އީރާނަށް ދެންކުރެވޭނީ ކޮން ކަމެއް ހެއްޔެވެ. އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރެއް ފައްތައިލެވިދާނެ ހެއްޔެވެ. ހަލާކުކޮށްލެވިދާނެ ހެއްޔެވެ. އެކަމުގެ ކެރިކުޅަދާނަކަން ލިބިގެންވޭ ހެއްޔެވެ.

ދެވަނަ ބޮޑު ހަގުރާމަ ނިމުނުތާ 81 އަހަރު ވެއްޖެއެވެ. އެ ހަގުރާމަ ނިމުނުފަހުން ދުނިޔޭގެ އެއްވެސް ބަޔަކު މަތިންދާބޯޓު އުފުލާ މަނަވަރެއް ފައްތާލައިފައެއް ނުވެއެވެ. ހަލާކުކޮށްލައިފައެއްވެސް ނުވެއެވެ. ހަގުރާމައިގެ ހާލަތުގައެވެ. ދެވަނަ ބޮޑު ހަގުރާމައިގެ ތެރޭގައި ޖަޕާނުން އެމެރިކާގެ މަތިންދާބޯޓު އުފުލާ ފަސް މަނަވަރެއް ފައްތާލައިފައިވެއެވެ. އޭރުގެ މަނަވަރުތަކާއި މިހާރުގެ މަނަވަރުތައް ވަރަށް ތަފާތެވެ. މިހާރުގެ މަނަވަރުތަކާމެދު ބުނެވެނީ އެއީ އެއްވެސް ބަޔަކަށް ފަސޭހައިން ފައްތާނުލެވޭނެ ކިއްލާތަކެއް ކަމުގައެވެ. އެހެން ބުނެވުނަސް ތަޖުރިބާކާރުންގެ ޚިޔާލުގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކީ ފައްތައިލެވިދާނެ އެއްޗެކެވެ. ސަބްމެރިން ބޭނުންކޮށްގެންނެވެ. ވަރުގަދަ މިސައިލް ބޭނުންކޮށްގެންނެވެ. އެއްފަހަރާ އެއްވަގުތެއްގައި އެތައް ހަމަލައެއް ދީގެންނެވެ. އެވަރުގެ ކަމެއް ކުރުމުގެ ކެރިކުޅަދާނަކަން އީރާނުގެ ކިބައިގައި އެބަހުއްޓެވެ. އަޑަށްވުރެ ސާދަ ފަނަރަ ގުނަ ބާރުމިނުގައި ދަތުރުކުރާ ހައިޕަރސޮނިކް މިސައިލް އެބަހުއްޓެވެ.

މިދެންނެވި ޒާތުގެ ބާރު ދުވެލި ލިބިގެންވާ މިސައިލް ހުއްޓުވުމަކީ ނުވަތަ ވައިގެ ތެރޭގައި ގޮއްވައިލުމަކީ އެމެރިކާއަށްވެސް ކުރެވޭ ކަމެއް ނޫނެވެ. އެޒާތުގެ މިސައިލް އެއްގަމުންނާއި ކަނޑުން އުދުއްސައިލެވޭނެ ވަސީލަތްތައް އީރާނުގައި އެބަހުއްޓެވެ. އެހެންވީމާ ދަންނަވަން ޖެހެނީ އެމެރިކާގެ ކެރިއަރ ސްޓްރައިކް ގްރޫޕެއް ފަނާކޮށް ނެތިކޮށްލުމުގެ ގާބިލްކަން އީރާނަށް ލިބިގެންވާ ކަމުގައެވެ. ފަހުގެ ތާރީޚެއްގައި ބަޔަކު އެކަންކޮށްފައި ނެތުމަކީ ނުވަތަ ކުރަން އުޅެފައި ނެތުމަކީ އެ ގާބިލްކަން އެއްވެސް ބަޔަކަށް ލިބިފައިނުވާކަން ދަލީލުކޮށްދޭ ކަމެއް ނޫނެވެ. އެމެރިކާގެ ފްލީޓުވަރުގެ ބޮޑު ފްލީޓެއް ނެތަސް އަދި ނިއުކުލިއަރ ހަކަތަ ލިބިފައިވާ މަނަވަރުތަކެއް ނެތަސް އީރާނުގެ ނޭވީއަކީ ކުޑަ ނޭވީއެއް ނޫނެވެ. ގަލްފުގެ އެންމެހައި އަރަބި ގައުމުތަކުގެ ނޭވީ އެއްކޮށްލުމުންވެސް އީރާނުގެ ނޭވީއާ އެއްވަރެއް ނުވެއެވެ. މަދުވެގެން ތިރީހަކަށް ސަބްމެރިން އެބައޮތެވެ. ކްރޫޒަރާއި ޑިސްޓްރޯޔަރާއި ފްރިގޭޓް ހިމެނޭހެން ބޮޑު ފްލީޓެއްވެސް އެބައޮތެވެ.

ބުނެވޭ ގޮތުގައި އެމެރިކާގެ އެއްބޭނުމަކީ ކެރިއަރ ސްޓްރައިކް ގްރޫޕެއް ބޭނުންކޮށްގެން އީރާނު ބައްދައިލުމެވެ. ބްލޮކޭޑެއް ގާއިމު ކުރުމެވެ. މިއީވެސް ފަސޭހަކަމެއް ނޫނެވެ. އިރާގާއި އީރާނުގެ އިން ވަކިކުރާ ޝައްތުލް އަރަބް ކަނޑުއޮޅިން ފެށިގެން ޕާކިސްތާނާ ހަމަޔަށް ގާތްގަޑަކަށް ދެހާސް ކިލޯމީޓަރުގެ ދިގު އައްސޭރިއެއް އީރާނަށް ލިބިގެންވެއެވެ. ހޮރުމުޒު ކަނޑުއޮޅީގެ އިރުމަތީ އައްސޭރީގައި އޮތީ އީރާނެވެ. އެއީ ވަރަށް ހަނި ކަނޑުއޮޅިއެކެވެ. ދުނިޔޭގެ ބާޒާރަށް ނެރޭ ތެލާއި ގޭހުގެ ބޮޑު މިންވަރެއް ބޭރުވަނީ މި ކަނޑުއޮޅިންނެވެ. އީރާނު ބައްދައިލަން ދިމާކޮށްފިއްޔާ އެއްވެސް ބަޔަކަށް އެ ކަނޑުއޮޅި ބޭނުމެއް ނުކުރެވޭނެއެވެ. އީރާނުން ކަނޑުއޮޅި ބަންދުކުރާނެއެވެ. އީރާނުގެ މުޅި ނޭވީ ފަރުމާކުރެވިފައިވަނީ އެކަމަށެވެ. އީރާނުގެ އައްސޭރީގައި ތިބެފައި ސާޅަނގައިން ހިލައުކައިގެންވެސް އެއީ ކުރެވިދާނޭ ކަމެކެވެ. ހޮރުމުޒު ކަނޑުއޮޅީގެ އެންމެ ހަނިދިމާލުގައި ހުންނަނީ އެކާވީސް މޭލެވެ.

އީރާނާއި އެމެރިކާގެ މެދުގައި ހަގުރާމައެއް ފެށިދާނެތީ ދުނިޔޭގެ އެންމެ ގިނަބަޔަކު ކަންބޮޑުވަނީ ހޮރުމުޒު ކަނޑުއޮޅި ބަންދުވެދާނެކަމަށްޓަކައެވެ. ދުނިޔެ ތެލަށް ޖެހިދާނެ ކަމުގެ ބިރަށްޓަކައެވެ. ކަނޑުއޮޅި ބަންދުވެއްޖެނަމަ ސައޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް އެތަން ބައިޕާސްކޮށްފައި އެހެން ދިމާލަކުން ތެޔޮ ނެރެވިދާނެއެވެ. ހޮޅިއަޅައިގެންނެވެ. އީރާނަށްވެސް އެކަން ކުރެވިދާނެއެވެ. އެކަމަކު ކުވޭތާއި ގަތަރާއި ބަހުރޭނާއި އިރާގަށް އެ ފުރުސަތެެއް ނެތެވެ. އެހެންވީމާ ދުނިޔެއިން ކަންބޮޑުވާ ކަންބޮޑުވުމަކީ ސީރިއަސް ކަމެކެވެ. ތެލަށް ޖެހުމާއި ތެލުގެ އަގުބޮޑުވުން ކަހަލަ ނުރައްކާތައް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ. އެ ނުރައްކާ އެމެރިކާއަށްވެސް އެބައޮތެވެ. އެހެންވީމާ ބުރަވެވެނީ ހަގުރާމައެއް ކުރުމަކީ އެމެރިކާގެ މަސްލަހަތެއްވެސް ނޫންކަމުގައެވެ. މަސްލަހަތު ނިޔާކުރިޔަސް ނުކުރިޔަސް އެމެރިކާގެ ވެރިކަމުގައި އެ ހުންނެވި ޓްރަމްޕުގެ އަމަލުތަކަކީ ބަޔަކަށް ލަފާކުރަން ފަސޭހަ ކަންކަމެއް ނޫނެވެ. ޖިސްމާނީ އަދި ނަފްސާނީ ގޮތުންވެސް ފިޓު ނޫން އަޖޫޒު މުސްކުޅިއެކެވެ. ޑިކްޓޭޓަރެކެވެ. އެހެންވީމާ ހަމަ ކޮންމެ ނިންމުމެއްވެސް ނިންމަވައިފާނެއެވެ.