ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އުމައިރަކީ ފުޓުބޯޅައިގެ ހާއްސަ މޫނެކެވެ. 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދައި، ރާއްޖޭގެ ފުޓުބޯޅަ ތާރީހުން ޖާގަ ހޯދިއެވެ. އުމުރުން 17 އަހަރުން ވިކްޓްރީ ސްޕޯޓްސް ކްލަބުން ފަށައި، ކެރިއަރުގައި އުމައިރު ވަނީ ވީބީ ސްޕޯޓްސް ކްލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު، ކްލަބު ގްރީން ސްޓްރީޓްސް، އަދި ވެލެންސިއާއަށްވެސް ކުޅެފައެވެ.

އެ ކެރިއަރަށްފަހު އުމައިރު ފުޓުބޯޅައާ ދުރަށް ޖެހިލީ ދާދިފަހުންނެވެ. އެއީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) އަށް އިންތިހާބުވެފައިވާތީއެވެ. ފުޓުބޯޅަ ހިންގުމުގެ ޒިންމާ ނަގައިގެން އުމައިރު ބޮޑަށް އިސްކަން ދިނީ ފުޓްސަލްއަށެވެ. އެފްއޭއެމްގެ ފުރާޅުގެ ދަށުން ފުޓްސަލްގެ ޒިންމާތައް ނެގުމަށް ކުރާ މަސައްކަތުގައި އޭނާގެ ފެށުން ކާމިޔާބެވެ.

ލ. ކުނަހަންދުއަށް އުފަން އުމައިރަކީ ރާއްޖޭން ފުޓްސަލްގައި ހޯދި އެންމެ ބޮޑު ކާމިޔާބީގެ މުގުލެވެ. އެޓީމުގެ މެނޭޖަރެވެ. ތައިލެންޑްގައި ކުރިއަށްދިޔަ މުބާރާތުގައި ރާއްޖޭން ހޯދި ރަން މެޑަލް ކަރުގައި އަޅާލައި، އުމެއިރު ކުރި ޕޯސްޓެއްގައި ބުނީ ޓްރޮފީ ހާއްސަ ކުރާނީ ރާއްޖޭގެ ފުޓުބޯޅައިން ވަކިވެދިޔަ މުހިންމު ފަރާތްތަކަކަށް ކަމަށެވެ.

ރާއްޖޭގެ ފުޓުބޯޅައަށް ގިނަ ހިދުމަތްތަކެއް ކޮށްދިން ކޯޗު އިހުސާން އަބްދުލްގަނީ (ސާންތި) މިދިޔަ އަހަރު ވަކިވެެގެން ދިޔަ އިރު، ސާންތި ވަކިވެގެން ދިޔައީ ކެންސަރު ބަލީގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. އޭގެ އިތުރުން 2024 ވަނަ އަހަރު ކުއްލި ގޮތަކަށް ރާއްޖެ ދުށް އެންމެ މޮޅު އެއް މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވެފައިވާ އިރު، މިދިޔަ އަހަރު ގައުމީ ޓީމަށް ކުޅުނު ކީޕަރު އިފްރާހު އަރީފް (އިފްރާ)ވެސް ކުއްލި ގޮތަކަށް ސްޓްރޯކެއްގައި ނިޔާވިއެވެ. އެއީ އުމައިރު ތަށި ހާއްސަކުރި ދިން ޝަހުސިއްޔަތެވެ.

އުމައިރު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ތިން ފަރާތަކީވެސް ފުޓުބޯޅަ ކެރިއަރުގައި ހަނދާނުން ފޮހެ ނުލެވޭނެ ތިން ފަރާތް ކަމަށެވެ. އަދި އަބަދުވެސް އެ ތިން ނަން ހިތުގައި ވާނެ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.

އުމައިރު ބުނެފައިވަނީ ސާންތިއަކީ ގައުމީ 16 އަހަރުން ދަށުގެ ޓީމުގައި އޭނާއަށް ކޯޗުކަން ކޮށްދިން ފުރަތަމަ ޕްރޮފެޝަނަލް ކޯޗު ކަމަށެވެ. އަދި ހަޔާތް ބަދަލު ކޮށްލުމުގައި ސާންތިގެ ދައުރު ބޮޑު ކަމަށް އުމައިރު ފާހަގަކުރިއެވެ. އަދި އެންމެ ބޮޑަށް އިތުބާރު ބޭނުންވި ވަގުތު، އެ އިތުބާރު ދިނީ ސާންތި ކަމަށް އުމައިރު ބުނެފައިވެއެވެ.

އުމައިރުގެ އަސަރުގަދަ ޕޯސްޓުގައި އިތުރަށް ބުނީ ބަކާއަކީ ގައުމީ ޓީމާއި ކްލަބުތަކުގައިވެސް އެކުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ލިބުނު ކުޅުންތެރިއެއް ކަމަށެވެ. އަދި ބަކާގެ އޯގާތެރި މިޒާޖު އޭނާ ވަކިން ފާހަގަކުރިއެވެ. އިފްރާއަކީވެސް އުމައިރުގެ ޒަމާންވީ ރަހުމަތްތެރިއެއްކަން އޭނާ ޕޯސްޓްގައި ހާމަކުރިއެވެ. އެގޮތުން އުމުރުން 15 އަހަރުން ފެށިގެން އިފްރާއާއެކު ގާތް ގުޅުމެއް އޮތް ކަމަށް އުމައިރު ފާހަގަކުރިއެވެ. އޭރުން ފެށިގެން އެއް ހުވަފެންތަކެއް ދެކި، ގާތް ރަހުމަތްތެރިކަމެއް އުފެދިފައިވާ ކަމަށްވެސް އުމައިރު ބުންޏެވެ.

އެ ތިން ޝަހުސިއްޔަތުގެ މަތިންވެސް ތާ އަބަދު ހަނދާން ހުންނާނެ ކަމަށް އުމައިރު ބުނެފައިވެއެވެ.

https://www.facebook.com/photo/?fbid=1386891763178908&set=a.364612435406851

ރާއްޖޭން ފުޓްސަލް ތާރީހު ބަދަލުކޮށްލީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ތަފާތުކޮށް ނަގައިގެންނެވެ. ކުޅުނު ހަ މެޗުން ވެސް މޮޅުވެ، ރާއްޖޭން ވަނީ މެސެޖެއް ދީފައެވެ. ސަރަހައްދުގައި މިވަގުތު ރާއްޖެއާ ވާދަކުރެވޭނެ ޓީމެއް ނެތްކަން ސާބިތުވެސް ކޮށްދިނެވެ. އެ ދަތުރުގައި ކުޅުންތެރިން އަތުގައި ހިފައިގެން، ހިތްވަރު ދިނުމުގައި އުމައިރު މުހިންމު ދައުރެއް އަދާކުރިއެވެ.