މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނު ބާތިލުކޮށްދިނުމަށް އެދި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.

އެމްޖޭއޭއިން މިއަދު ބުނީ އެ މައްސަލަ ނިމެންދެން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އިން މީޑިއާތަކުގެ މައްޗަށް ފިޔަވަޅު އަޅައިދިނުން ހުއްޓުވުމުގެ ވަގުތީ އަމުރެއް އެ ކޮމިޝަންގެ މައްޗަށް ނެރެދިނުމަށް ވެސް އެ މައްސަލައިގައި އެ ޖަމިއްޔާއިން އެދިފައިވާނެ ކަމަށެވެ.

އެމްޖޭއޭ އިން ބުނިގޮތުގައި އެ ގާނޫނު ބާތިލުކުރަން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި މައިގަނޑު ސަބަބުތަކަކީ:

  • ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)ގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ ހައްގު އެ ގާނޫނުން ހަނިކޮށްފައިވާތީ
  • ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދުމާއި މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަމަށް ހުރަސްއަޅާތީ
  • އެ ގާނޫނު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުން އަމަލުކޮށްފައިވަނީ އިޖުރާއަތުތަކާ ހިލާފަށްކަމަށް ވާތީ
  • ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މަސައްކަތްކުރުމުގެ ހައްގަށް އަދި ހަމަހަމަކަމުގެ ހައްގަށް އެ ގާނޫނުން ހުރަސްއަޅާތީ
  • ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައްއެޅުމުގެ ހައްގަށް އެ ގާނޫނުން ހުރަސްއަޅާތީ

އެމްޖޭއޭ އިން ބުނީ މީޑިއާތަކުގެ މައްޗަށް ފިޔަވަޅު އެޅުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރެއް ކޮމިޝަންގެ މައްޗަށް ނެރެދިނުމަށް އެ ޖަމިއްޔާއިން އެދުނު ސަބަބަކީ ގާނޫނު ބާތިލުކުރުމުގެ ދުސްތޫރީ މައްސަލައެއް ކޯޓަށް ހުށަހަޅާފައިވަނިކޮށް އެ މައްސަލައިގައި ހުކުމެއް ކުރުމުގެ ކުރިން އެ ގާނޫނު ތަންފީޒުކޮށް އެއްވެސް ފަރާތަކާ މެދު ފިޔަވަޅެއް އަޅައިފިނަމަ ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކަކާއި ނުވަތަ މިނިވަންކަމަށް ހުރަސްއެޅި އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.