އިރާނަށް ހަމަލާދޭން ޔޫއޭއީ ބޭނުން ނުކުރެވޭނެކަމަށް އަންގައިފިއެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވާގޮތުން އިރާނަށް ހަމަލާދިނުމަށް ޔޫއޭއީގެ އެެއްވެސް ސަރަހައްދެއް ބޭނުން ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ޔޫއޭއީގެ ބަޔާނުގައި ވާގޮތުން އެއްވެސް ހަމަލާއެއް ދިނުމަށް އެ ގައުމުގެ ކަނޑުގެ ސަރަހައްދުގެ އިތުރުން އެއްގަމާއި ވައިގެ ސަރަހައްދު ބޭނުމެއް ނުކުރެވޭނެއެވެ.

ޔޫއޭއީގައި ހުންނަ އަލް ދަފްރާ އެއާ ބޭހަކީ އެމެރިކާގެ އެތައް ހާސް ސިފައިން ތިބޭ ބޭހެކެވެ. މެދުއިރުމަތީގައި ހުރި އެމެރިކާގެ ބޭސްތަކުގެ ތެރެއިން ޔޫއޭއީގައި ހުންނަ ބޭހަކީ އެމެރިކާގެ ވައިގެ ސިފައިންނަށް މެދުއިރުމައްޗަށް ހާއްސަ ބޭހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެދުއިރުމަތީގެ މަޝްރަހު ހޫނުވެ އެމެރިކާ އާއި އިސްރާއީލުން އިރާނަށް ހަމަލާދޭން ތައްޔާރު ވަމުންދާކަމަށް އަޑުތައް ގަދަވެފައިވަނިކޮށް އެ ހަމަލާ ދިނުމަށް ނިންމާފައިވަނީ މެދުއިރުމަތީގެ ގައުމުތަކުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްތައް ބޭނުންކޮށްގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.