ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ލީގު ބުރުގައި ރާއްޖޭން ކުޅުނު ފަހު މެޗުގައި މިއަދު ސްރީ ލަންކާވެސް ބަލިކޮށް، ސައްތައިން ސައްތަ ރެކޯޑަކާއެކު ތަށި އުފުލާލައިފިއެވެ.
ރާއްޖޭން މިއަދު ލަންކާ ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. ސާފުން ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތް ރާއްޖޭން ކާމިޔާބުކުރީ މާ ބޮޑު ޗެލެންޖެއްވެސް ނެތިއެވެ. ހުރިހާ މެޗަކުން މޮޅުވި އިރު، ޕާކިސްތާން އަތުން 7-1 އިން މޮޅުވެ ރާއްޖެ ފެށީ ވަރުގަދަ ކޮށެވެ. ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އިރު، ތިން ވަނަ މެޗުގައި، 5-0 އިން ވާދަވެރި އިންޑިއާ ބަލިކޮށް، ރާއްޖެ ތަފާތު ދެއްކިއެވެ.
އޭގެފަހުން ރާއްޖޭން ދެން ކުޅުނީ ބޫޓާނާއި ނޭޕާލެވެ. އެ ދެޓީމުންވެސް ރާއްޖެއާ ދެކޮޅަށް ނުކުތީ ޑިފެންސިވް ކުޅުމެއްގައެވެ. އެހެން ނަމަވެސް އެ ދެމެޗުވެސް ރާއްޖޭން ކާމިޔާބުކުރީ ޔަގީންކަމާއެކުގައެވެ. ނޭޕާލް އަތުން 2-1 އިން މޮޅުވި އިރު، ރާއްޖޭން ބޫޓާން ބަލިކުރީ 3-1 އިންނެވެ.
ހުއަމާކް އިންޑޯ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި ރާއްޖޭން ލީޑު ނެގިއެވެ. އެ ގޯލް ޖެހީ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި)އެވެ. އޭގެފަހުން ލަންކާއިން އެއްވަރު ކޮށްފައިވާ އިރު، އެ ގޯލް ޖެހީ އަމަން މުހައްމަދު ފައިޒަރެވެ.
ހާފު ނިމެން ދަނިކޮށް ހުޒައިފަތު ރަޝީދު (ހުޒޭ) ރާއްޖެއަށް އަލުން ލީޑު ނަގައިދިން އިރު، އަނެއް ގޯލްތައް ޖެހީ ހުސެއިން ސުހައިލް (ސޮކޭ)އާއި އަލީ ޝިޔާހު (ޝިޔަޅޭ)އެވެ. އޭގެ އިތުރުން ލަންކާގެ އާކިބް އަތުން ބައިކޮޅަށް ގޯލް ޖެހި އިރު، ރާއްޖޭގެ ފަސްވަނަ ގޯލްވެސް ޖެހީ އިންމިއެވެ.
ލަންކާގެ އަނެއް ގޯލް ޖެހީ މުހައްމަދު ތިލަމްއެވެ.
މިއަދުގެ މެޗުގެ ފަހުކޮޅުގައި ރާއްޖޭގެ ކީޕަރު ޒައިދާން އަހުމަދު (އަސޫ)އަށް ވަނީ ރަތް ކާޑު ދައްކައިފައެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް