އީރާނާއި އެމެރިކާގެ މެދުގައި ހަގުރާމައެއް ފެށުމުގެ ބިރު ބޮޑުވެފައިވާ މިވަގުތުގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކާއި އެމަނަވަރާ ގުޅިފައިވާ އަރުމާދުގައި ހިމެނޭ އެތައް މަނަވަރެއް އީރާނާ ދިމާލަށް މިހާރު ދަނީ ދަތުރު ކުރަމުންނެވެ. އެންމެފަހުން މިޒާތުގެ އަރުމާދެއް އެމެރިކާއިން އީރާނުގެ އައްސޭރިޔަށް ގެންދިޔައީ ހުސްވި އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އެމެރިކާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް ކުރި ބާރަ ދުވަހުގެ ހަގުރާމަ ފެށުމުގެ ދުވަސްކޮޅެއް ކުރިންނެވެ. އެފަހަރު އެމެރިކާއިން ވަނީ އީރާނުގެ ނިއުކުލިއަރ ތިން މަރުކަޒަކަށް ބޮން އަޅައިފައެވެ. ހަމަ އެހައިވަރަށް އެމެރިކާއާއި އީރާނުގެ ބަހުގެ ހަމަލާތައް މިވަގުތު ވަނީ ހޫނުވެފައެވެ. އީރާނުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި މީހުންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ވަރަށް ބޮޑަށް ހިތްވަރު ދެއްވައިފައެވެ. ކަލޭމެންނަށް އެހީވާން އެމެރިކާގެ ސިފައިން ވަރަށް އަވަހަށް އެބަފޮނުވަމޭވެސް ވިދާޅުވިއެވެ. އީރާނުން އަޅައެއް ނުލިއެވެ. ބިރުގަތުމެއް ޖެހިލުމެއް ނެތެވެ.

އެންމެފަހުން ބާރުގެ ބޭނުންކޮށްގެން އީރާނުގެ ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާތައް ހަމަޔަކަށް އަޅުވައިފައެވެ. މަސްރަހު ވަނީ ކޮންޓްރޯލްކޮށްފައެވެ. އެކަަމަކު ގިނަ އަދަދެއްގެ ބަޔަކު މަރުވުމަށްފަހުގައެވެ. ހުސްވި ހަފުތާގައި ރައީސް ޓްރަމްޕުގެ ބަސްމަގާއި ރާގަށްވެސް ހިސާބެއްގެ މައިތިރިކަމެއް ވަނީ އައިސްފައެވެ. މުޒާހަރާތައްވެސް ހަމަޔަކަށްއެޅިފައި ވަނިކޮށް އެމެރިކާއިން މިހާރު އީރާނުގެ އައްސޭރިޔަށް ޖަމާކުރަމުން މިދަނީ ކޮން ލަޝްކަރެއް ހެއްޔެވެ. ހަގީގަތުގައިވެސް ޓްރަމްޕު އުޅުއްވަނީ އީރާނަށް ހަމަލާތަކެއް ދޭންބާވައެވެ. ޓްރަމްޕު ވިދާޅުވަނީ އެމެރިކާގެ އަރުމާދު އީރާނާއި ގާތަށް ދަތުރުކުރަމުންދަނީ އީރާނަށް އަމާޒުކޮށްގެން ކަމުގައެވެ. އެމެރިކާއިން ގެންދަނީ އީރާނަށް ކަޅިއަޅަމުން ކަމުގައެވެ. ހަމަލަދިނުމާއި ނުދިނުން ބިނާވެގެންވަނީ އީރާނުގެ އަމަލުތައް ހުންނަ ނުހުންނަ ގޮތެއްގެ މައްޗަށް ކަމުގައެވެ. އެހެންވީމާ ކިތަންމެ ބޮޑު ލަޝްކަރެއް ޖަމާކުރިޔަސް ހަގުރާމައަކަށް ނުގޮސް ފަރުޖެއްސުމުގެ ފުރުސަތު އޮތްކަމަށްވެސް ވިދާޅުވިއެވެ.

އެމެރިކާއިން ފޮނުވާ އަރުމާދުގެ އެންމެ އިސް މަނަވަރަކީ ޔޫއެސްއެސް އެބްރަހަމް ލިންކަން އެވެ. މިއީ ނިއުކުލިއަރ ހަކަތައިން ދުއްވާ އެއަރކްރާފްޓް ކެރިއަރެކެވެ. މަތިންދާބޯޓު އުފުލާ މަނަވަރެކެވެ. ގާތްގަޑަކަށް ނުވަދިހަ ބޯޓު އުފުލެއެވެ. މަދުވެގެން ފަސްހާސް ސިފައިން ތިބެއެވެ. މިއީ އެމެރިކާގެ އެންމެ ޒަމާނީ އެއް މަނަވަރެވެ. މި މަނަވަރު މިގެންދަނީ ޗައިނާގެ އައްސޭރިން ދެކުނު ޗައިނާ ކަނޑުންނެވެ. މި މަނަވަރާއެކު ދަތުރުކުރާ އަރުމާދުގައި ޓޮމަހޯކް ކްރޫޒް މިސައިލް އުފުލާ އެތައް މަނަވަރެެއްވެސް ހިމެނެއެވެ. މިދެންނެވި ޒާތުގެ މިސައިލަކީ އީރާނުގެ އެންމެ އެތެރެއަށްވެސް ހަމަލަދިނުމުގެ ގާބިލްކަން ލިބިގެންވާ މިސައިލެއް ކަމަށް ބުނެވެއެވެ. މި އަރުމާދުގައި ހިމެނޭ ކޮންމެ މަނަވަރަކީ މަތިންވިޔަސް ތިރިންވިޔަސް އެޔަށް އަމާޒުވެގެން އަންނަ ކޮންމެ ހަމަލަޔަކުން އަމިއްލައަށް ދިފާއުވެގަތުމުގެ ކެރިކުޅަދާނަކަން ލިބިގެންވާ އުޅަދެއްކަމަށްވެސް ބުނެވެއެވެ. އެހެންވީމާ މިއީ ފުރިހަމައަށް ތައްޔާރުވެފައިވާ އަރުމާދެއް ކަމަށް ނިންމިދާނެއެވެ.

މަތީގައި ބަޔާން ކުރެވުނީ އީރާނުގެ އައްސޭރިޔަށް ޖަމާކުރަމުންދާ އަރުމާދުގައި ހިމެނޭ މަނަވަރުތަކާއި ހަތިޔާރާއި ސިފައިންގެ ވާހަކައެވެ. އެވަރަކުން އަދި ނުނިމެއެވެ. އީރާނުގެ ވަށަވަށައިގެންވާ ގައުމުތަކުގައި އެމެރިކާ ސިފައިންގެ ވަރަށް ގިނަ މަރުކަޒުތައް އެބަހުއްޓެވެ. މިދެންނެވި މަރުކަޒުތަކުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު ބައިލައްކައަށް އަރައެވެ. އީރާނުގެ ވަށަވަށައިގެންވާ އެކި ގައުމުތަކުގައި އެމެރިކާ ސިފައިންގެ ނަވާރަ މަރުކަޒު އެބަހުއްޓެވެ. ދާއިމީ ތަންތަނާއި ވަގުތީ ތަންތަންވެސް ހިމަނައިގެންނެވެ. މިދެންނެވި ނަވާރަ މަރުކަޒުގެ ތެރެއިން ދާއިމީ ތަންތަނުގެ އަދަދު އަށެކެވެ. އޭގެތެރޭގައި ބަހުރައިން، މިސްރު، އިރާގު، ޖޯޑަން، ކުވޭތު، ގަތަރު، ސައޫދީއަރަބިޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ތުރުކީގައިވާ މަރުކަޒުތައް ހިމެނެއެވެ. މީގެތެރެއިން ގާތްގަޑަކަށް ހަމަ ހުރިހާ ގައުމަކުންވެސް ބުނެފައިވަނީ އީރާނަށް ހަމަލަދިނުމަށް އެއިން ގައުމެއްގެ ސަރަހައްދު ބޭނުންކުރުމުގެ އިޒުނަ ނުދޭނޭ ކަމުގައެވެ.

މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ވައިގެ ހަމަލަޔަކުން ދިފާއު ކުރުމަށް ބޭނުންވާ އިތުރު ސިސްޓަމްތައްވެސް މިހާރު ގެންގޮސް ގާއިމުކޮށްފައިވާ ކަމަށް ބުނެވެއެވެ. މިއިން މަރުކަޒެއްގެ ބޭނުންނުކޮށް އީރާނުގެ އައްސޭރިޔަށް ޖަމާކުރަމުންދާ މަނަވަރުތައް ބޭނުންކޮށްގެން އީރާނަށް ހަމަލަދިނުމަކީ މިތަންތަން ރައްކާތެރިވުމެއް ނޫނެވެ. އެމެރިކާއިން އެއްވެސް ސިފައެއްގައި އެއްވެސް ގޮތަކުން އީރާނަށް ހަމަލަދީފިނަމަ މެދުއިރުމަތީގައިވާ އެމެރިކާގެ ކޮންމެ މަރުކަޒަކީ އީރާނުގެ އަމާޒެއް ކަމަށް ވަރަށް ސާފުބަހުން އީރާނުން ވަނީ ބުނެފައެވެ. އީރާނުގެ ސިޔާސީ ލީޑަރުންނާއި އަސްކަރީ ލީޑަރުން މިކަމުގައި ބޭނުންކުރައްވަނީ އެއް ބަހުރުވައެކެވެ. ވިދާޅުވެއެވެ. އީރާނު އޮތީ ހަގުރާމައަކަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. މިއިން ޒަމާނަކުވެސް ތައްޔާރު ނުވާވަރަށް ތައްޔާރުވެގެންނެވެ. އީރާނުގެ ސިފައިން އެތިބީ ފިތަންޖެހޭ ބަޓަންތަކަަށް ފިތަން ތައްޔާރުވެގެންނެވެ. ސަމާލުވެގެންނެވެ. އެހެންވީމާ އެމެރިކާޔާއި އިޒްރޭލުން މިކަން ދަންނަންވާނެއެވެ.

ގޯސްކޮށް ހިސާބު ޖަހަޖަހައިގެން އީރާނާ ދެކޮޅަށް އުދުވާން ހިންގީމާ އޭގެ ދެރަނަތީޖާއާ ކުރިމަތިލާން ޖެހޭނޭކަމާއި އަދާކުރަންޖެހޭ އަގާއި ބަރުދާސްތުކުރަންޖެހޭ ވޭންތައް ވަރަށް ބޮޑުވާނެކަން ދަންނަންވާނޭ ކަމަށްވެސް އީރާނުން ބުނެއެވެ. ކޮންމެއަކަސް މިހިސާބުން އުފެދެނީ ވަރަށް ބޮޑު ސުވާލެކެވެ. ހަގުރާމައެއް ފަށަން މިވަރަށް ތެޅިފޮޅެނީ ކީއްވެގެން ބާވައެވެ. ބޭނުމަކީ ކޮބައިބާވައެވެ. މިކަމުގައި އޮތީ އެމެރިކާގެ އަމިއްލަ މަސްލަހަތެެއް ނޫނެވެ. އޮތީ އިޒްރޭލުގެ މަސްލަހަތެވެ. ބޭނުންވަނީ އީރާނުގެ އަސްކަރީ ބާރު ނައްތައިލުމެވެ. ވެރިކަންވެސް ބަދަލު ކުރުމެވެ. އީރާނު ނިކަމެތިކޮށްލުމެވެ. އެޔަށްފަހު އެމެރިކާޔާއި އިޒްރޭލަށް ތަބާވާނޭ ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމު ކުރުމެވެ. މިއީ އިޒްރޭލަކަށްވެސް އަދި އެމެރިކާއަކަށްވެސް ކުރެވޭނޭ ކަމެއް ނޫނެވެ. މުސްތަހީލު ކަމެކެވެ. ހަގުރާމައެއް ފަށައިފިނަމަ ބެޗޭކަށްވެސް ނެތެވެ. އެހެންވީމާ ކިތަންމެ ވަރަކަށް ބިރުދެއްކިޔަސް ހަގުރާމައެއް ފަށަން ކެރޭނޭ ކަމަކަށް ނުބެލެވެއެވެ.