އިޓަލީ ލީގު ތާވަލުގެ ދެވަނައިގައި އޮތް އޭސީ މިލާނާއި ތިންވަނައިގައި އޮތް ރޯމާއިން ރޭ ކުޅުނު މެޗު އެއްވަރުވުމުން އެއްވަނައިގައި އިންޓަ މިލާނުން ދަމަހައްޓަމުން އަންނަ ލީޑު ފުޅާވެއްޖެއެވެ.

އިންޓައިން މި ހަފުތާގައި ކުޅުނު މެޗުގައި ޕިސާ ކައިރިން މޮޅުވީ 6-2 ގެ ނަތީޖާއަކުންނެވެ. ރޭ އޭސީ މިލާނާއި ރޯމާ 1-1 އިން އެއްވަރުވެފައިވާ އިރު، އެ ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އިންޓަ އޮތީ ފަސް ޕޮއިންޓްގެ ލީޑެއްގައެވެ. އެއީ 22 މެޗުން 52 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ވާދަވެރި އޭސީ މިލާން އޮތީ 22 މެޗުން 47 ޕޮއިންޓާއެކުގައެވެ. ރޯމާއިން 22 މެޗުން 43 ޕޮއިންޓާއެކު ތިންވަނައިގައި އޮތް އިރު، ރޭ ޔުވެންޓަސް ކައިރިން 3-0 އިން ބަލިވި، ނަޕޯލީއެވެ. ޔުވެންޓަސް އޮތީ ފަސްވަނައިގައެވެ. އެއީ 22 މެޗުން 42 ޕޮއިންޓާއެކުގައެވެ.

މެޗު ފެށިގެން މާގިނައިރެއް ނުވެ، ރޯމާއިން ނުރައްކާ ކުރިއެވެ. އަލަށް އެޓީމާ ގުޅުނު ޑޮންޔެލް މާލެން ފޮނުވާލި ހަމަލާ، ކުޅުންތެރިއެއް ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ދިޔައީ ސީދާ މިލާން ކީޕަރު މައިކް މައިގްނަން އަތަށެވެ.

އޭގެފަހުންވެސް ފުރަތަމަ ހާފުގައި މިލާން ކީޕަރަށް އިތުރު ސޭވްތައް ކުރަން ޖެހިފައިވާ އިރު، އެ ހަމަލާތައް ފެނުނީ މާލެންއާއި ޒެކީ ސެލިކްގެ ފަރާތުންނެވެ.

ދެވަނަ ހާފަށް ނުކުމެ މިލާނުން ކުޅުން ރަނގަޅު ކުރި އިރު، ލޫކާ މޮޑްރިޗާއި އެޑްރިއަން ރެބިއޯގެ ނުރައްކާ ފާހަގަވެސް ކުރެވުނެވެ. އެ މަސައްކަތުގެ ތެރެއިން މިލާނުން ލީޑު ނެގީ ކޯނީ ޑެ ވިންޓާ ޖެހި ގޯލުންނެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ މޮޑްރިޗެވެ.

އެ ގޯލާއެކު މިލާން މޮޅުވާން ދަނިކޮށް، ރޯމާއިން އެއްވަރުކުރީ 74 ވަނަ މިނެޓުގައެވެ. އެއީ އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ލޮރެންޒޯ ޕެލެގްރީނީ ޖަހައިދިން ގޯލުންނެވެ.