އަންނަ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ) ގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ޖުމުލަ 1633 ފޯމު ލިބިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން މިއަދު ބުނީ މިއަދު ހެނދުނު 10 ޖެހުމާ ހަމައަށް 1633 ފޯމު ލިބުނު އިރު އޭގެތެރޭގައި ޝަރުތު ހަމަނުވާ ފޯމުތައް ހިމެނޭ ކަމަށެވެ.

އިލެކްޝަނުން މިއަދު ހާމަކޮށްފައިވާ ތަފާސްހިސާބުތައް:

  • ކައުންސިލް އިންތިހާބު - ޝަރުތު ހަމަވާ 750 ފޯމު، 183 ފޯމު ޝަރުތު ހަމަނުވޭ، އޭގެ ތެރެއިން 77 ފޯމު އަލުން ހުށަހަޅާފައިވޭ
  • ޑަބްލިޔުޑީސީ - ޝަރުތު ހަމަވާ 574 ފޯމު، 126 ފޯމު ޝަރުތު ހަމަނުވޭ، އޭގެ ތެރެއިން 34 ފޯމު އަލުން ހުށަހަޅާފައިވޭ

މި ދެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިމަހު 17 ވަނަ ދުވަހުއެވެ. އެ އިންތިހާބުތަކަށް ކުރިމަތިލުމަށް ދިން މުއްދަތު ފެބްރުއަރީ އެއްވަނަ ދުވަހު މެންދުރުފަހު 3:30 އަށް ހަމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެފައިވަނީ މިފަހަރުގެ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ފޯމު ހުށަހަޅަން ޖެހޭނީ ޕޯޓަލް މެދުވެރިކޮށް އެމީހަކު އަމިއްލައަށް އެމީހެއްގެ އީފާހުން ކަމަށެވެ.

ޒާހިދު ވިދާޅުވެފައިވަނީ، ކޮންމެ މީހަކުވެސް ފޯމު ހުށަހެޅޭނީ، އީ ޕޯޓަލް މެދުވެރިކޮށް އެމީހެއްގެ އަމިއްލަ ވެރިފައިޑް އީފާސްއިން ކަމަށެވެ.

ނަމަވެސް އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅޭނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 15:30 އަށެވެ. އަދި ހުކުރު ދުވަހު 15:30 އިން 18:00 އަށް ފޯމް ބަލައިގަންނަމުންދާނެ ކަމަށް އީސީން ބުންޏެވެ.

މި އިންތިހާބުގައި ކައުންސިލްތަކުގެ ޖުމުލަ 225 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް 678 މެންބަރުންނެވެ.

އެހެންކަމުން މިފަހަރުގެ އިންތިހާބުގައި ޖުމުލަ 1356 މެންބަރުން އިންތިހާބު ކުރާނެއެވެ.

އީސީން ބުނީ ކައުންސިލް އިންތިހާބުގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނޭހެން ޖުމުލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.

މި އިންތިހާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ އިތުރުން، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 240 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

މިފަހަރުގެ އިންތިހާބުގައި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ތިން ފޮށި، ޖަލުތަކުގައި ފަސް ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފައެވެ. ކައުންސިލް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާނީ ދެ ވޯޓު ފޮއްޓެވެ. އެއީ، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބަހައްޓާ ފޮއްޓާއި، ސްރީލަންކާގެ ކޮލަމްބޯގައި ބަހައްޓާ ފޮއްޓެވެ.