އަންނަ މަހު އޮންނަ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ މެޗުތަކަށް އިންޑިއާއަށް ދާން ދެކޮޅު ހެދުމުން ބަންގްލަދޭޝް މުބާރާތުން ބޭރުކޮށްފިއެވެ.
އަންނަ މަހު އިންޑިއާއާއި ސްރީ ލަންކާގައި އޮންނަ ކްރިކެޓް ވޯލްޑް ކަޕުގައި ބަންގުލަދޭޝްއިން ކުޅޭ މެޗުތައް، ސްރީ ލަންކާއަށް ބަދަލުކޮށްދޭން ބަންގުލަދޭޝްއިން އެދުނީ އިންޑިއާއާއި އެގައުމާ އޮތް ގުޅުން ގޯސްވުމުންނެވެ. އެގުޅުން ގޯސްވެފައި ވަނީ ސިޔާސީ ވާދަވެރިކަމެއްގެ ތެރެއިންނެވެ. އެ ވާދަވެރިކަމުގެ ތެރެއިން ދުނިޔޭގެ އެންމެ ވަރުގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ކުރިއަށް އޮތް ސީޒަނުން ބަންގްލަދޭޝްގެ މުސްތަފިޒުރް ރަހްމާން ބޭރުކުރަން އިންޑިއާގެ ކްރިކެޓް ބޯޑުން ވަނީ އަންގައިގައެވެ.
ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އިން ގަތް، ބަންގްލަދޭޝްގެ މުސްތަފިޒުރް އެޓީމުން ބާކީ ކުރަން އިންޑިއާގެ ކްރިކެޓް ބޯޑު، ބީސީސީއައި އިން އެންގުމާއެކު އެ ކްލަބުން ވަނީ އެކަމަށް އަމަލުވެސް ކޮށްފައެވެ.
އެ މައްސަލަގަނޑުގައި ބަންގްލަދޭޝްއިން އެދުނީ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި އެގައުމުން ކުޅޭ މެޗުތައް ސްރީ ލަންކާއަށް ބަދަލުކޮށްދިނުމައެވެ. އެއީ ކުރިން ޕާކިސްތާނުން އެގޮތަށް ޕްރޮޕޯސް ކުރުމުން ޕާކިސްތާނުގެ މެޗުތައް ލަންކާއަށް ބަދަލުކޮށްދީފައިވުމާ އެކުގައެވެ.
އެހެން ނަމަވެސް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ނިންމީ ބަންގްލަދޭޝްގެ ޕްރޮޕޯސަލް ގަބޫލުނުކުރުމަށެވެ. އައިސީސީން ބަންގްލަދޭޝްއަށް މުހުލަތެއް ދިނުމަށްފަހު، އެގައުމު ވޯލްޑް ކަޕުން ބޭރުކޮށް، ރޭންކިންނަށް ބަލައި ސްކޮޓްލޭންޑަށް ފުރުސަތު ދޭން ނިންމާފައިވެއެވެ.
ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި 20 ޓީމަކުން ވާދަކުރާނެއެވެ. ގްރޫޕްތަކަށް ބަލާ އިރު، ގްރޫޕް އޭގައި ހިމެނެނީ އިންޑިއާ، ޕާކިސްތާން، އެމެރިކާ، ނަމީބިއާ އަދި ނެދަލެންޑްސްއެވެ. ގްރޫޕް ބީގައި ހިމެނެނީ، އޮސްޓްރޭލިއާ، ސްރީ ލަންކާ، ޒިމްބާބްވޭ، އޮމާން އަދި އަޔަލެންޑެވެ. ގްރޫޕް ސީގައި، މުޅިން އަލަށް ވޯލްޑް ކަަޕަށް ކޮލިފައިވި އިޓަލީން ވާދަކުރާނީ ނޭޕާލާއި ސްކޮޓްލެންޑާއި ވެސްޓް އިންޑީސް އަދި އިންގްލެންޑާއެކުގައެވެ. ގްރޫޕް ޑީގައި ހިމެނެނީ، ނިއު ޒީލެންޑާއި ދެކުނު އެފްރިކާ، އަފްގާނިސްތާން، ކެނަޑާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް