ޖަރުމަނު ލީގުގައި ބަޔާން މިއުނިކުން ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑު، އޯސްބާގުން ނިމުމަކަށް ގެނެސްފިއެވެ.

ރޭ ބަޔާން ދަނޑުގައި އޯސްބާގް ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ބައްޔަކީ މި ސީޒަނުގެ ލީގުގައި ބަޔާނަށް ކުރިމަތިލާން ޖެހުނު ފުރަތަމަ ބައްޔެވެ. ބައްޔާއެކުވެސް ބަޔާން އެއްވަނައިގައި އޮތް އިރު، އެޓީމަށް 19 މެޗުން 50 ޕޮއިންޓް ލިބިފައިވެއެވެ. އޯސްބާގް އޮތީ 13 ވަނައިގައެވެ. އެއީ 19 މެޗުން 19 ޕޮއިންޓާއެކުގައެވެ.

ބަޔާންގެ ފަރާތުންވެސް ރޭގެ މެޗުގައި އެންމެ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައި ނުވާ އިރު، ކުރީކޮޅުގައި ލުއިސް ޑިއާޒަށް ލިބުނު ފުރުސަތު އޭނާ އަތުން ބޭކާރުވި އިރު، ބަޔާނުން ލީޑު ނެގީ ކޯނަރެއްގައި ތަނަވަސްކުރި ފުރުސަތެއްގައެވެ. މައިކަލް އޮލީސޭގެ ކޯނަރު، ފާ ޕޯސްޓުނ އަރައި ބޮލުން ގޯލަށް ވައްދާލީ ހިރޯކީ އިޓޯއެވެ.

ހާފު ނިމެން ދަނިކޮށް އޯސްބާގުގެ ރޮބިން ފެލާއޫގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، ފަހުކޮޅުގައި އެޓީމުން ގޯލްތައް ޖެހީ ފުލުފުލުގައެވެ. ހަ މިނެޓް ތެރޭގައި އޯސްބާގުން ނަތީޖާ އަނބުރާލީ އާތޫރް ޗާވެސްއާއި ހަން ނޯއާ މަސެންގޯ ޖެހި ގޯލްތަކުންނެވެ.