ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ބިން ހިއްކައި ނިންމާލައިފިއެވެ.

ހުޅުމާލެ ފޭސް ތިނެއް ހިއްކައި ނިމިފައިވާކަން ހާމަކުރެއްވީ ޕީއެންސީން އިއްޔެ ހަވީރު ބޭއްވި ކެމްޕޭން އިވެންޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ އިވެންޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފޭސްތިނެއް ހިއްކައި ނިމިފައިވާތީ ދެން ހިއްކަން ފަށާނީ ގިރާވަރު ފަޅު ކަމަށެވެ. ރައީސް ވިދާޅުވީ ބިން ހިއްކުމަށް ބޭނުންވާ ދެ ޑްރެޖަރު މިހާރު އޮތީ ގިރާވަރު ފަޅު ކައިރީގައި ކަމަށެވެ.

އެހެންކަމުން، އެތަނުން ދޫކޮށްފައިވާ ގޯތިތައް ވަރަށް އަވަހަށް ދޫކުރެވިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި އޮތީ ހިއްކާ ނިމިފައި މިހާރު، ގިރާވަރުފަޅު، ގުޅީފަޅުން ގޯތިތައް ދީ ނިމި ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެ، ދެ ޑެރަޖަރު އޮތީ އެތަނުގެ ކައިރީގައި،" ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އުުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތުގެ ތައްޔާރީތައްވެސް ވަމުންދާ ކަމަށާއި އެއާއެކު ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުށިދިއްގަރުފަޅު ހިއްކަމުންދާއިރު އެ ތަނުން ގޯތި ލިބޭ މީހުން ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.